ކުޅިވަރު

ރާއްޖޭގެ ކްރިކެޓް ތަރި ހަސަން އޮސްޓްރޭލިއާގެ ޓީމަކަށް


ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ ތަރި ހަސަން އިބްރާހީމް އޮސްޓްރޭލިއާގެ ކުއީންސްލޭންޑުގެ ވެސްޓާން ސަބްއާބްސް ޑިސްޓްރިކްޓް ކްރިކެޓް ކުލަބާ ގުޅިއްޖެއެވެ.

މީގެކުރިންވެސް އޭނާ ވަނީ ބޭރުގެ ޓީމަކަށް ކުޅެފައެވެ. އެއާއެކު އޭނާ ވެފައިވަނީ ބޭރުގެ ޓީމަކަށް ކުޅުނު ފުރަތަމަ ދިވެހި ކުޅުންތެރިޔާއަށެވެ. އޭނާ ވަނީ 2017 ވަނަ އަހަރު ދެ ގައުމެއްގައި ކުޅެފައެވެ.

ހަސަން ވަނީ 2017 ވަނަ އަހަރު މެލޭޝިއާގެ ސްޓޭޓް ލީގުގެ ޕެނާންގް ޓީމަށް ކުޅެފައެވެ. އޭގެފަހުން އޮސްޓްރޭލިއާގެ އެންމެ ބޮޑު ކްރިކެޓް ލީގުގެ ޓީމެއް ކަމަށްވާ މެލްބަން ރެނެގޭޑްއާ އެކު އޭނާ ތަމްރީނު ފުރިހަމަކޮށްފައި ވެއެވެ.

އޮސްޓްރޭލިއާގެ ތިން ވަނަ ފަންތީގެ މުބާރާތްތަކުގައި ވާދަކުރަމުން އަންނަ ވެސްޓާން ސަބްއާބްސް ޑިސްޓްރިކްޓް ކްރިކެޓު ކުލަބުން އަލަށް ފެށުމަށް ތައްޔާރުވާ ގްރޭޑް ކްރިކެޓު ސީޒަންގައި ހަސަން ބައިވެރިވާނެ އެވެ. ވެސްޓާން ސަބްއާބްސް ޑިސްޓްރިކްޓް އާއު ދެކޮޅަށް ކުއީންސްލޭންޑުގެ ދެކުނުއިރުމަތީ ސްޓޭޓްތަކުގެ ޓީމުތައް ކަމަށްވާ ގޯލްޑް ކޯސްޓު އަދި ބްރިސްބޭން ފަދަ ޓީމުތަކުން ވާދަކުރާނެ އެވެ.

ބައިނަލްއަޤްވާމީ ގިނަ މުބާރާތްތަކެއްގައި ވެސް ހަސަން ވަނީ ވާދަކޮށްފައެވެ.، އެގޮތުން އޭނާ ވަނީ 2006 ވަނަ އަހަރުން ފެށިގެން ގަވާއިދުން ގައުމީ ޓީމުތަކުން ޖާގަ ހޯދާފައެވެ. އޭނާ ވަނީ 2010 ވަނަ އަހަރުގެ އޭސީސީ ޗެލެންޖް ޓްރޮފީ ކާމިޔާބުކުރި ކްރިކެޓް ޓީމުގައި ވެސް ހިމެނިފައެވެ. އަދި ގައުމީ ޓީމާއެކު އޭނާ ވަނީ އޭޝިއަން ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށްފައެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގައި ވެސް ހަސަން ވަނީ އިދާރީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ރާއްޖޭގެ ކޮންޓިންޖެންޓްގެ ގިނަ ޒިންމާތަކެއް އޭނާ ވަނީ އަދާކޮށްފައެވެ.