ކުޅިވަރު

ޕްރިމިއާ ލީގަށް ވާދަކުރުމަށް އިތުރު ކުޅުންތެރިން ބޭނުންވޭ: ކޮންޓޭ


އިނގިރޭސި ޕްރިމިއާ ލީގުގެ ތައްޓަށް ވާދަކުރަން ބޭނުންކަމުގައި ވާނަމަ އިތުރު ކުޅުންތެރިން ބޭނުންވާ ކަމަށް ޓޮޓްނަމް ހޮޓްސްޕާގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ކޮންޓޭ ބުނީ ޕްރިމިއާ ލީގަށް ޓޮޓެންހަމަށް ވާދަކުރެވޭނީ އަދި އިތުރު ދެ ޓްރާންސްފާ ބާޒާރުގައި ރަނގަޅު ކުޅުންތެރިންތަކެއް ޓީމަށް ގެނަސްގެން ކަމަށެވެ.

ސްޕަރސް މިވަގުތު އޮތީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ޕޮއިންޓްގެ ގޮތުން އެއް ހަމައެއްގައެވެ. ކޮންޓޭ ހާމަކުރިގޮތުގައި މިދިޔަ ސީޒަނާއި ޓީމް އަޅާ ކިޔާކަމުގައިވާނަމަ މިހާރުގެ ޓީމް އެއިރަށްވުރެ ފުރިހަމަ ވެފައިވާކަމަށެވެ. ނަމަވެސް ލީގުގެ އެންމެ ކުރީގައި އުޅޭ ޓީމް ތަކާއި އެއް ހަމައެއްގާ ފައިތިލަ ސާބިތު ކުރުމަށްޓަކައި އަދި ވަގުތު ބޭނުންވާކަމަށާއި އެގޮތުން އިތުރު ކުޅުންތެރިން ހޯދުމަށްޓަކައި ޓްރާންސްފަރ މާކެޓް ބޭނުންވާކަމަށެވެ. މިގޮތުން ބައެއް މަގާމްތައް ވަރުގަދަ ކުރުމަށްޓަކައި އެހެން ކުޅުންތެރިން ބޭނުންވާކަމަށް އޭނާ ހާމަކުރިއެވެ. އޭނާ ހާމަކުރިގޮތުގައި އިތުރު ބައެއް ކުޅުންތެރިން ގެނައުމާ ގުޅޭގޮތުން ކްލަބްގެ ބޯޑާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށާއި ނަމަވެސް މިފަހަރުގެ ޓްރާންސްފަރ ވިންޑޯ ބަންދުވާން ވާއިރަށް އިތުރު ކުޅުންތެރިއެއް ގެނެވޭގޮތް ނުވިއަސް މައްސަލައެއް ނެތް ކަމަށެވެ.

ކޮންޓޭ ހާމަކުރިގޮތުގައި ގާތްގާތުގައި ގިނަ މެޗްތަކެއް ކުޅޭއިރު ޓީމް ރޮޓޭޓް ކުރަން ޖެހޭ ކަމަށާއި އެކަން ކުޅުންތެރިންނަށްވެސް އެނގޭނެ ކަމަށެވެ. ވާރލްޑް ކަޕަށް ލިގު މެދުކަނޑާލާއިރު ކްލަބްގެ މިހާރުގެ ފެންވަރު އަންދާޒާ ކުރެވިގެންދާނެކަމަށްވެސް އޭނާ ހާމަކުރެއެވެ. އަދި ޓީމަށް އިތުރު ކުޅުންތެރިން ބޭނުންވޭތޯ އާއި ޓީމް ފުރިހަމަ ވެފައިވާ މިންވަރު އެއިރަށް ދެނެގަނެވެވަރުވާނެކަމަށެވެ.