ކުޅިވަރު

ނިއުކާސަލުގެ ކީޕަރު ޑުބްރާވްކާ ޔުނައިޓެޑަށް ސޮއިކުރުމާ ގާތަށް


އިނގިރޭސި ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑުގެ ކުރީގެ އެއް ނަންބަރު ގޯލްކީޕަރު މާޓިން ޑުބްރަވްކާ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކުރުމާ ގާތަށް ހިނގައްޖެއެވެ.

ޔުނައިޓެޑުން އަންނަނީ ޑީން ހެންޑަރސަން ނޮޓިންގހަމް ފޮރެސްޓަށް ލޯން އެއް ބަސްވުމެއްގެދަށުން ދޫކޮށްލުމަށްފަހު އެމަގާމް ފުރާނެ ކީޕަރެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ޔުނައިޓެޑުން އެންެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ ޖަރުމަނު ބުންޑަސްލީގާގެ އެއިންޓްރެކްޓް ފްރޭންކްފަރޓަށް ކުޅެމުންދާ ކެވިން ޓްރެޕް ހޯދޭތޯއެވެ. ނަމަވެސް އެްމެ ފަހު ވަގުތު އޭނާ ގަސްދުކުރީ ފްރޭންކްފަރޓްގައި މަޑު ކުރާށެވެ. އެހެންކަމުން ޔުނައިޓެޑްގެ ކޯޗް އެރިކް ޓެން ހާގް މިހާރު ބޭނުންވަނީ ސްލޮވާކިއާގެ ކީޕަރ އެކްލަބަށް ގެންދާށެވެ. ޑުބްރަވްކާ ނިއުކާސްލްއަށ ސޮއިކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. ނަމަވެސް މިސީޒަންގައި އެކްލަބަށް ނިކް ޕޯޕް އައިމާއެކު އޭނާއަށް މިހާރުވަނީ އެއްނަމްބަރު ކީޕަރު ކަމުގެ މަގާމް ގެއްލިފައެވެ. ޑުބްރަވްކާ ޔުނައިޓެޑަށް ސޮއިކޮށްފި ނަމަ އޭނާ ވެގެންދާނީ މިސީޒަންގައި އެކްލަބަށް ގެންދާ ފަސްވަނަ ކުުޅުންތެރިޔާއަށެވެ.

ނިއުކާސްލްގެ ކޯޗް އެޑީ ހޯވް ވަރަށް ފަހުން ހާމަކުރިގޮތުގައި އޭނާ އުންމީދު ކުރަނީ ޑުބްރަވްކާ އެކްލަބްގައި މަޑުކުރާނެކަމަށެވެ. އަދި އޭނާއަކީ އެކްލަބްގެ މުހިންމު ކުޅުންތެރިއެއް ކަމަށްވެސް ހޯވް ހާމަކުރިއެވެ.