އެސްޓީއޯ ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕް 2022 ގައި ހިންނަވަރު ސްޕޯޓްސް ކުލަބާއި ބަޒޫކާ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
މި މުބާރާތުގައި ބަޒޫކާއިން ފުރަތަމަ ކުޅުނު މެޗުގައި ވެލިދޫ އަތުން އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި ނައިފަރު ޗެލްސީ އެފްސީ އަތުން 7-0 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ.
ހިންނަވަރުން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ނައިފަރު ޗެލްސީ އެފްސީ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވިއިރު، ދެވަނަ މެޗުގައި އޭދަފުށި އަތުން ވަނީ 5-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.
ހިންނަވަރު ޓާފް ދަނޑުގައި އާދީއްތަ ދުވަހު ހަވީރު ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ބަޒޫކާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މައުރޫފް ހުސައިންނެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ބަޒޫކާއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 12 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ރަމީޒްއެވެ.
އެކަމަކު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ހިންނަވަރުން ވަނީ ކައިރި ކައިރީގައި ދެ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 43 ވަނަ މިނެޓުގައި ހިންނަވަރަށް ފަރަގު ކުޑަކޮށްދިނީ އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ދެ މިނެޓު ފަހުން ދަގަނޑޭ ވަނީ ލިބުނު ޕެނަލްޓީ އަކުން ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ފަސް ޓީމު ވާދަކުރާ މި މުބާރާތުގައި އެންމެ ފުރަތަމަ ކުރިއަށްދަނީ ލީގު ބުރުގެ ކުޅުމެވެ. އެއަށްފަހު ލީގު ބުރުން އެއްވަނައަށްދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ދެވަނަ އަދި ތިންވަނަ ޓީމަށް ޖެހެނީ ސެމީ ފައިނަލް ކުޅޭށެވެ.
މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ކުލަބު އޭދަފުއްޓާއި، ބަޒޫކާ ސްޕޯޓްސް ކުލަބާއި، ވެލިދޫ ސްޕޯޓްސް ކުލަބާއި، ނައިފަރު ޗެލްސީ އަދި ހިންނަވަރު ސްޕޯޓްސް ކުލަބެވެ.
މިދިޔަ އަހަރު މި މުބާރާތް ކުރިއަށް ގޮސްފައިވަނީ ހަމައެކަނި ޅަވިޔަނި އަތޮޅަށް ހުޅުވާލައިގެންނެވެ. އެކަމަކު މި ފަހަރު މި މުބާރާތުގައި ދައުވަތު ދީގެން ޒޯނުގެ އެކި އަތޮޅުތަކުންވެސް ޓީމުތައް ވަނީ ބައިވެރިވެފައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭއިރު، ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.