ޚަބަރު

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ގޮތުގައި 1.2 ބިލިޔަން ރުފިޔާ


އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ގޮތުގައި 1.2 ބިލިޔަން ރުފިޔާ ދައުލަތަށް ލިބެންޖެހޭކަމަށް އޮޑިޓަރ ޖެނެރަލް ހާމަކުރައްވައިފިއެވެ.އެމްއެމްޕީއާރްސީގެ ޚާއްޞަ އޮޑިޓެއް ކުރައްވައި، އެ އޮޑިޓް ރިޕޯރޓް މިއަދު ޢާއްމުކުރައްވާފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތްކަމަށް އޮޑިޓް އޮފީހުން ހާމަކުރައްވައެވެ.އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓްގައި ވިދާޅުވެފައިވަނީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާތަކުގެ ތެރޭގައި އެކި މީހުންގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްފައިވާ 65.01 މިލިއަން ޑޮލަރާއި، ޑޮލަރު ގަނެވިއްކުމުގެ ނަމުގައި ހިންގި މުޢާމަލާތެއްގެ ތެރެއިން އަމިއްލަ ކުންފުނިތަކަކަށް ދޫކޮށްފައިވާ 6.31 މިލިޔަން ޑޮލަރާއި، ލޯން ދިނުމުގެ ނަމުގައި ދޫކޮށްފައިވާ 6.15 މިލިއަން ޑޮލަރާއި ކޮންކަމަކާ ގުޅިގެން ދީފައިވާ ފައިސާކަން އެގެން ނެތި އަމިއްލަ ކުންފުނިތަކެއްގެ އެކުންޓަށް ޖަމާކޮށްފައިވާ 1.90 މިލއަން ޑޮލަރު ހިމެނޭކަމަށެވެ.މި ގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 70.17 މިލިއަން ޑޮލަރު ޖަމާވެފައިވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ކަމަށެވެ. މި ކުންފުންޏަކީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ޙާދިސާގައި ހޯދަން ބޭނުންވެގެން ރެޑް  ނޯޓިން ނެރެފައިވާ މ. ސެސްނާ މުޙައްމަދު އައްލާމް ޢަބްދުއްލަޠީފްގެ ޙިއްޞާ އޮންނަ ކުންފުންޏެކެވެ.އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓްގައިވާގޮތުން އެކުންފުނީގައި ހިނގާފައިވާ ޚިޔާނާތުގެ ތެރެއިން ދެން އެންމެ ގިނައި ފައިސާ ވަދެފައިވަނީ މިލެނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށެވެ. މި ކުންފުނިން ދައުލަތަށް 7.50 މިލިއަން ޑޮލަރު ލިބެންޖެހެއެވެ. މީ ޚިޔާނާތުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ މ. ޝޫރާމަންޒިލް ޙާމިދު އިސްމާޢީލްގެ ޙިއްޞާ އޮންނަ ކުންފުންޏެކެވެ.މީގެ އިތުރުން މޮންޓިލިއަން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ހޯދަންޖެހޭ 1.15 މިލިއަން ޑޮލަރާއި، އެހެން އަމިއްލަ ދެ ކުންފުންޏަކާއި، ފަރުދެއްގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާ 550 ހާސް ޑޮލަރުވެސް ދައުލަތަށް ލިބެންޖެހޭކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި އޮޅުވާލައިގެން އެންމެ ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ ދެން ކުންފުންޏަކީވެސް ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާ ގާތްގުޅުންތަކެއް އޮތް ފަރާތަކަށް ނިސްބަތްވާ ކުންފުނިތަކެކެވެ. އަދި އެމްއެމްޕީއާރްސީން ހިންގި ހިޔާނާތް ހިންގައިވަނީ އެތަނުގެ ކުރީގެ އެމްޑީ ޢަބްދުﷲ ޒިޔަތުގެ ބައިވެރިވެވަޑައިގަތުމާ އެކުގައިކަމަށްވެސް އޮޑިޓް ރިޕޯރޓްގައި ފާހަގަކޮށްފައިވެއެވެ.މިގޮތުން އަމިއްލަ ކުންފުނިތަކަށް ޖަމާކޮށްފައިވާ ފައިސާ ޖަމާކޮށްފައިވަނީ އެމްއެމްޕީއާރްސީގެ  ޗެކްތަކުންކަމަށާއި އެ ޗެކްތަކުގެ ނުފުށުގައި ޢަބްދުﷲ ޒިޔަތު ސޮއިކުރައްވައި، އެންޑޯޒްކޮށް ފައިވާކަމަށް އޮޑިޓް ރިޕޯރޓްގައިވެއެވެ. އަދި މި ކުންފުނިތަކަށް ދޫކުރު ފައިސާގެ ތެރެއިން ބައެއް ފައިސާތައް ލިބުކަން ދެއްކުމުގެ ގޮތުން އަސްލު ނޫން ލިޔެކިޔުންތައް ހަދާ  އޮޅުވާލުމަށް މަސައްކަތްކޮށްފައިވާ ކަމަށްވެސް އޮޑިޓް  ރިޕޯރޓްގައި ފާހަގަކޮށްފައިވެއެވެ. އަދި މި މުޢާމަލާތުތައް ހިންގާފައިވަނީ އެމްއެމްޕީއާރްސީގެ ޑިރެކްޓަރުންގެ  ބޯރޑަށް އެގުމެން ނެތިކަމަށާއި ޑިރެކްޓަރުންގެ ބޯރޑްގެ މެމްބަރުންގެ ސޮއި ފޯރޖްކޮށް ޞައްޙަ ނޫން ބޯރޑް ރޮސޮލިއުޝަންތައް ހަދާފައިވާކަމަށް ބެލެވޭކަމަށްވެސް އޮޑިޓް ރިޕޯރޓްގައިވެއެވެ.