ސްޕެނިޝް ލީގުގައި ރެއާލް ވަޔަޑޮލިޑާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ. އެގޮތުން މެޗުގެ 24 ވަނަ މިނެޓުގައި ބާސާއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕޯލަންޑުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 43 ވަނަ މިނެޓްގައި ޖަހައިދިނީ ޕެޑްރީއެވެ.
މި މެޗުގައި ބާސާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ލެވަންޑޯސްކީއެވެ. އެއާއެކު ލެވަންޑޯސްކީ ވަނީ ޖެހިޖެހިގެން ދެ މެޗުގައި ބާސާއަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. ދެން މި މެޗުގައި ބާސާއިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ސާޖީ ރޮބާޓޯއެވެ.
މި މެޗުގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ބާސާއަށް ވަނީ ލިބިގެންގޮސްފައެވެ. އެގޮތުން ލެވަންޑޯސްކީ ފޮނުވާލި ހަމަލާއެއް ވަނީ ވަޔަޑޮލިޑުގެ ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައެވެ.
މި މޮޅާއެކު ބާސާ މިހާރު އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. އަދި ވަޔަޑޮލިޑް އުޅެނީ ތިން މެޗުން ލިބިފައިވާ އެއް ޕޮއިންޓާއެކު ތާވަލުގެ 19 ވަނައިގައެވެ.