ބޮޑު ތިން މުބާރާތުގައި ވާދަކުރުމަށްފަހު ދެން ފަރިތަކުރުންތައް ފަށަނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ކަމަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބުނެފިއެވެ.
ސާއިދު ވަނީ މި އަހަރުގެ ޖުލައި މަހު އެމެރިކާގައި ކުރިއަށްދިޔަ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕާއި، ހަމަ އެ މަހު އިނގިރޭސިވިލާތުގެ ބާމިންހަމުގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސް އަދި އޮގަސްޓު މަހު ތުރުކީގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކޮށްފައެވެ.
ހޮނިހިރު ދުވަހު ނިމުނު މައިލޯ އތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ ފިރިހެން އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދުމަށްފަހު "ޕީއެސްއެމް ސްޕޯޓްސް" އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ސާއިދު ބުނީ އެ މުބާރާތުގައި ތިން ރަން މެޑެލް ލިބުނުކަމުގައިވީ ނަމަވެސް އެންމެ ބޭނުންވި ޕާފޯމެންސް ނުދެއްކުނު ކަމަށެވެ. އަދި އެހެންވީ ގާތް ގާތުގައި މުބާރާތްތަކެއް ކުރިއަށްދިޔުމާއެކު، ކޮންމެސް ވަރަކަށް ފަރިތަކުރުންތައް މަޑުޖައްސާލަން ޖެހުމުން ކަމަށްވެސް ބުންޏެވެ.
ސާއިދު ބުނީ މި ތިން މުބާރާތަށްފަހު އޭނާގެ އަމާޒު މިހާރު ހުރީ އަންނަ އަހަރު ބާއްވާ އައިއޯއައިޖީއަށް ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ އައިއޯއައިޖީންވެސް މެޑެއްޔަށް އަމާޒުކޮށްގެން ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ކަމަށާއި، އަދި އަންނަ އަހަރު އައިއޯއައިޖީގައި ރާއްޖޭގެ ރިލޭ ޓީމު ވަރުގަދަ ވެގެންދާނެ ކަމަށްވެސް ސާއިދު ބުންޏެވެ. އެގޮތުން އަރަމުން އަންނަ ޒުވާން ދުންތެރިންގެ ޕާފޯމެންސްއާ މެދު ހިތްހަމަ ޖެހޭ ކަމަށްވެސް ސާއިދު ވަނީ ބުނެފައެވެ.
ސާއިދަކީ ރާއްޖެއަށް އައިއޯއައިޖީން އެންމެ ފުރަތަމަ ރަން މެޑެލް ގެނަސްދިން އެތުލީޓެވެ. އެއީ 2015 ވަނަ އަހަރު ބޭއްވި މުބާރާތުގައެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުން ކާމިޔާބުކޮށް އެ މުބާރާތުންވެސް ފުރަތަމަ ރަން މެޑައްޔެއް ރާއްޖެއަށް ހޯދާދީފައިވަނީ ސާއިދެވެ.