ކުޅިވަރު

ސާފް ގޭމްސްގައި ފިރިހެން ވޮލީ ޓީމް ފުރަތަމަ މެޗުން ބަލިވެއްޖެ


12ވަނަ ސާއުތް އޭޝިއަން ގޭމްސްގައި ދިވެހި ފިރިހެން ވޮލީ ޓީމް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. އިންޑިޔާގެ ގުވަހާޓީގައި މިއަދު ހެނދުނު ފެށި ސައުތް އޭޝިއަން ގޭމްސްގައި ދިވެހި ފިރިހެން ޓީމް ކުޅުނު ފުރަތަމަ މެޗުން ބަލިވީ ސަރަހައްދުގެ ވޮލީގެ ގަދަ ބާރު ޕާކިސްތާން އަތުން ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ޕާކިސްތާން ޓީމް ކާމިޔާބުކުރީ ފަންސަވީސް ބާވީސް، ފަންސަވީސް ސާދަ އަދި ފަންސަވީސް ވިހިންނެވެ. މެޗަށް ފަހު ދިވެހި ޤައުމީ ފިރިހެން ވޮލީ ޓީމްގެ އެސިސްޓަންޓް ކޯޗް މުޙައްމަދު ސާޖިދު ބުނީ މެޗަށް ނިކުތީވެސް ޕާކިސްތާނަށް ރަނގަޅު ފައިޓެއް ދިނުމަށްކަމަށާއި، އުއްމީދުކުރި ވަރަށް ވުރެން ރަނގަޅަށް ދިވެހި ޓީމް ކުޅުނު ކަމަށެވެ. އަދި ޕާކިސްތާނަކީ ސަރަހަައްދުގެ އެންމެ ވަރުގަދަ އެއް ޓީމް ކަމަށާއި، އެ ޓީމް ބަލިކުރުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް މެޗުގެ ނަތީޖާއާއި މެދު ވަރަށް ހިތްހަމަ ޖެހޭކަމަށް ސާޖިދު ބުންޏެވެ."ޕާކިސްތާނާއި ދެކޮޅަށް ނިކުމެ ނެރުނު ނަތީޖާއާއި މެދު ވަރަށް ހިތްހަމަ ޖެހޭ. މެޗަށް ނިކުތްއިރުވެސް އިނގޭ ޕާކިސްތާން ބަލިކުރަން ފަސޭހަނުވާނެކަން. އުއްމީދުކުރި ވަރަށް ވުރެން ރަނގަޅު ފައިޓެއް ދެވިއްޖެ" ސާޖިދު ބުންޏެވެ. ސައުތު އޭޝިއަން ގޭމްސްގައި ދިވެހި ފިރިހެން ވޮލީ ޓީމް ވާދަކުރާ ދެވަނަ މެޗުގައި މާދަމާ ހަވީރު ނިކުންނާނީ ބަންގްލަދޭޝާއި ދެކޮޅަށެވެ.