ވިޔަފާރި

ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ ދެވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި


ވިޔަފާރި ރޮނގުން ރާއްޖޭގެ ދެކުނު ޕްރޮމޯޓްކުރުމުގެ މަޤްޞަދުގައި ބޭއްވި ދެވަނަ ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ ކާމިޔާބީއާ ގުޅޭގޮތުން ހަރަކާތް އިންތިޒާމުކުރި ޓައިޓަން މޯލްޑިވްސްއިން ބުނީ މިފަހަރުގެ އެކްސްޕޯގައި 30 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވި ކަމަށެވެ. ނަމަވެސް ލޮޖިސްޓިކް ބައެއް ދަތިތަކާއި ހުރެ ބައެއް އެގްޒިބިޓަރުންނަށް އާދެވޭ ގޮތް ނުވެފައިވާކަން ޓައިޓަން މޯލްޑިވްސްއިން ފާހަގަކުރެއެވެ.

މިފަހަރު އެކްސްޕޯގައި އައްޑޫގައި ހިންގާ ކޮލެޖްތަކާއި، އަދި ހައި ސްކޫލުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން އެމްއެމްއެމްޕީއާރްސީގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އިތުރުން އިންޓަނޭޝަނަލް އެއަރލައިން ޕާޓްނަރގެ ގޮތުގައި އިންޑިގޯއިން ވަނީ އެކްސްޕޯގައި ބައިވެރިވެފައެވެ. ޓައިޓަން މޯލްޑިވްސްއިން ބުނިގޮތުގައި އެކްސްޕޯއަށް ފހު އިންޑިގޯއިން އައްޑޫއަށް ސީދާ ދަތުރުތައް ފެށުމަށް ވަރަށް ބޮޑަށް ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އަދި މިކަމާއި ގުޅޭ ދިރާސާ މަސައްކަތައް އެފަރާތުން މިހާރު ކުރަމުންދާކަމަށް ޓައިޓަން މޯލްޑިވްސްއިން ބުނެއެވެ.

ބިޒްނަސް އެކްސްޕޯ ނިންމުމުގެ ގޮތުން ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ޓައިޓަން މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ، ސަދަން މޯލްޑިވްސް އެކްސްޕޯގެ ތިންވަނަ އެޑިޝަން ބޭއްވުމަށް މިހާރުވެސް ބައެއް ރަށްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރު މިއަށް ވުރެ ކާމިޔާބު ހަރަކާތެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ޝަރީފް ވަނީ މިހަރަކާތް އިތުރަށް ޕްރޮމޯޓްކޮށް ދެކުނުގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ސިންގަޕޫރުގައި ކުރިއަށް އޮތް އައިޓީބީ ފެއަރގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ. އަދި މިހަރަކާތް އެހެން އަތޮޅުތަކުގައި ބޭއްވުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް މިހާރުވެސް ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 25 އިން 27 އަށް އައްޑޫ ހައިސްކޫލުގައެވެ.