ކުޅިވަރު

އަންހެން ވޮލީ ޓީމް ފުރަތަމަ މެޗުގައި އިންޑިޔާ އަތުން ބަލިވެއްޖެ


12ވަނަ ސާއުތް އޭޝިއަން ގޭމްސްގައި ދިވެހި އަންހެން ވޮލީ ޓީމް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. އިންޑިޔާގެ ގުވަހާޓީގައި މިއަދު ފެށި ސައުތް އޭޝިއަން ގޭމްސްގައި ދިވެހި އަންހެން ވޮލީ ޓީމް ކުޅުނު ފުރަތަމަ މެޗުން ބަލިވީ އިންޑިއާ އަތުންނެވެ. ސީދާ ތިން ސެޓުން ދިވެހި ޓީމް އިންޑިޔާގެ އަތުން ބަލިވިއިރު މެޗުގެ ސެޓުތައް އިންޑިޔާ ޓީމް ކާމިޔާބުކުރީ ފަންސަވީސް ނުވައެއް، ފަންސަވީސް ނުވައެއް އަދި ފަންސަވީސް ދިހަޔަކުންނެވެ. މެޗަށް ފަހު ދިވެހި ޤައުމީ އަންހެން ވޮލީ ޓީމްގެ ކޯޗް އަޙުމަދު އަދީލް ބުނީ ދިވެހި ޓީމްގެ ފަރާތުން މެޗުގައި އެންމެ އެކަށީގެންވާ ފެންވަރުގައި ނުކުޅެވުނުކަމަށާއި، އިންޑިޔާ އާއި ދެކޮޅަށް ނިކުމެ މެޗުން ނިކުތް ނަތީޖާ ގޯސް ނޫންކަމަށެވެ. މެޗުގައި ޓީމަށް ދިމާވި މައިގަނޑު މައްސަލައަކީ ރަނގަޅަށް ބޯޅަތައް ރިސީވް ނުކުރެވުންކަމަށާއި، ކުރިއަށް އޮތް މެޗުގައި އެކަން ރަނގަޅު ކުރާނެކަމަށް އަދީލް ބުންޏެވެ."އަޅުގަނޑުމެން ޓީމަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު މިއަދުގެ މެޗުގައި. ރިސީވް ނުކުރެވިގެން ގިނަ ޕޮއިންޓްތަކެއް ގެއްލުނީ. ކުރިއަށް ހުރި މެޗުތަކުގައި އެކަންތައްތައް ރަނގަޅުކުރާނަން" އަދީލް ބުންޏެވެ.ސައުތު އޭޝިއަން ގޭމްސްގައި ދިވެހި އަންހެން ވޮލީ ޓީމް ވާދަކުރާ ދެވަނަ މެޗުގައި މާދަމާ ހަވީރު ނިކުންނާނީ ޕާކިސްތާނާއި ދެކޮޅަށެވެ.