ކުޅިވަރު

ސިޓީން ފަހަތުން އަރައި ކްރިސްޓަލް ޕެލަސް ބަލިކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އަތުން ފަހަތުން އަރައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން މޮޅެއް ހޯދައިފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަތަރުވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ޕެލަސްއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑަކީ ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އޭގެ ފަހުން މެޗުގެ 21 ވަނަ މިނެޓުގައި ކޯނަރަކުން ހޯކިމް އެންޑަސަން ވަނީ ލަނޑެއް ޖަހައި، ޕެލަސްގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ސިޓީން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައެވެ. އެގޮތުން މި ހާފު ފަށައިގެން އަށްވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި މެޗުގެ 62 ވަނަ މިނެޓްގައި އާލިން ބްރައުޓް ހާލަންޑް ވަނީ ލަނޑެއް ޖަހައި، ސިޓީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި ސިޓީން ފަހަތުން އަރައި ލީޑު ނެގީ މެޗުގެ 70 ވަނަ މިނެޓުގައި ހާލަންޑް ކާމިޔާބުކުރި ދެވަނަ ލަނޑާއެކުއެވެ. އަދި މެޗުގައި ސިޓީގެ ފަހު ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ކާމިޔާބުކޮށް, ހާލަންޑް ވަނީ ޕްރިމިއާ ލީގުގައި ފުރަތަަމަ ހެޓްރިކް ހަދާފައެވެ.

މި މޮޅާއެކު ސިޓީ މިހާރު އުޅެނީ ކުޅުނު hަތަރު މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އަދި ޕެލަސް އުޅެނީ ހަތަރު ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގައެވެ.