ވިޔަފާރި

އެގްރޯގެ ބޯޓުތައް އަންނަ އަހަރުގެ މެދުތެރޭ ބޭނުންކުރަން ފަށަނީ


އެގްރޯނެޓްގެ ބޯޓުތައް އަންނަ އަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. އެގްރޯނެޓުން ވިދާޅުވީ، މިއަހަރުގެ ތެރޭގައި މިބޯޓުތައް ޑިޒައިން ކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުގެ ގިނަ ދަނޑުވެރިންނާއެކު އެގްރޯނެޓުން މަސައްކަތް ކުރަމުންދާއިރު އެ ކުންފުންޏަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިތަކެތި ރަށްރަށަށް ފޯރުކޮށްދެވޭނެ ގޮތްތަކެއް ނެތުމެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ، ރަށްރަށުން ހައްދާ ތަކެތި އެކި ސަރަހައްދުތަކަށް ފޯރުކޮށްދިނުމަށް އެކުންފުންޏަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަށް ޔޫއެންޑީޕީން 2 ބޯޓު ބަނުމަށް އެގްރޯނެޓަށް ފަންޑުކޮށްދީފައިވާކަމަށެވެ. މި ބޯޓުތައް ބަނުމަށްފަހުގައި އަމާޒަކީ އަންނަ އަހަރުގެ މެދުތެރޭ މި ބޯޓުތައް ބޭނުންކުރަން ފެށުންކަމަށް ހާރޫން ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ މިހާރުގެ ވިސްނުމަކީ ރާއްޖޭގައި މި 2 ބޯޓު ބަނުމަށްފަހު 2023ގެ މެދެއްހާ ހިސާބުގައި މި ބޯޓުތައް އޮޕަރޭޓްކުރަން ވިސްނުންތަކެއް މިގެންގުޅެނީ. އެއަށް އަމާޒުކޮށް އަޅުގަނޑުމެން މަސައްކަތްތަކެއް މިހާރު ކުރަމުންދާއިރު މި ބޯޓުގެ ހަޤީގަތުގެ ބޭނުމަކީ ކައިރީގެ ރަށްތަކަށާއި އަދި ރާއްޖޭގެ ރިސޯޓްތަކަށް މާކެޓްކުރުމާއި ދަނޑުވެރިންނަށް ބޭނުންވާ ވަސީލަތްތައް ރާއްޖޭގެ އެއްތަނުން އަނެއްތަނަށް ފޯރުކޮށްދިނުމާއި މިހުރިހާ ކަމެއްގެ ތެރޭގައި އަޅުގަނޑުމެންގެ އަމިއްލަ އުޅަނދެއް ބޭނުންކޮށްގެން މިކަންކަން ކުރުން." ހާރޫން ވިދާޅުވިއެވެ.

އެގްރޯނެޓާއި ގުޅިގެން ދަނޑުވެރިން ހައްދާ ތަކެތި މިހާރު ފޮނުވަނީ ރާއްޖޭގެ ދަތުރުފަތުރުކުރުމުގައި އާންމުކޮށް ބޭނުންކުރާ ބޯޓުތަކުގައެވެ. މި ބޯޓުތަކުގައި މިކަން ކުރުމުގެ ސަބަބުން އެގްރޯނެޓަށް އެއްވެސްކަހަލަ ކޮންޓްރޯލެއް ނޯންނަކަށް ފާހަގަކުރައްވައި ހާރުން ވިދާޅުވީ، ދަނޑުވެރިކަމުގެ ބާވަތްތަކަކީ ވަރަށް ބޮޑަށް ހަލާކުވާ ޒާތުގެ ތަކެއްޗަށް ވުމުގެ ސަބަބުން ރަނގަޅަށް ސްޓޯކުރެވޭނެ އިންތިޒާމް ހުންނަންޖެހޭކަމަށެވެ. ނަމަވެސް ލޯކަލީ ބޭނުންކުރާ ބޯޓުތަކުގައި މިފަދައިން ސްޓޯކުރެވޭނެ އިންތިޒާމް ނެތުމަކީ ދިމާވާ ދައްޗެއްކަމަށް ހާރޫން ވިދާޅުވިއެވެ. އެހެންކަމުން އެގްރޯނެޓްގެ ވިސްނުމަކީ ދިގު މުއްދަތަކަށް ގިނަ ދުވަހު ބެހެއްޓޭނެ ގޮތަކަށް ފަރުމާކުރުމަށްފަހުގައި ބޯޓުތައް ބަނދެ ދަނޑުވެރިންނާއި ހަމައަށް ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.