ކުޅިވަރު

ބަޒޫކާ އަތުން ޗެލްސީއަށް ފަސޭހަ މޮޅެއް


އެސްޓީއޯ ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕް 2022 ގައި ބަޒޫކާ އަތުން އެންމެ ފަހުގެ ޗެމްޕިއަން ނައިފަރު ޗެލްސީ އެފްސީ ފަސޭހަ މޮޅެއް ހޯދައިފިއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ހިންނަވަރު ސްޕޯޓްސް ކުލަބު އަތުން ޗެލްސީ ވަނީ 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެކަމަކު ހޮނިހިރު ދުވަހުގެ ހަވީރު ހިންނަވަރު ފުޓްބޯޅަ ދަނޑުގައި ކުޅުނު ދެވަނަ މެޗު ޗެލްސީން ކާމިޔާބުކުރީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ،

މި މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ނަދީމެވެ.

އަދި މެޗުގެ 30 ވަނަ މިނެޓުގައި ޗެލްސީން ލީޑު ފުޅާކުރިއިރު، މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ނަދީމެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީގެ ތިންވަނަ ލަނޑު އެ ޓީމަށް ޖަހައިދިނީ ހުސައިން ފައިސަލް (ފައިޓޯ) އެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ޗެލްސީން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނުއިރު، މެޗުގެ 51 ވަނަ މިނެޓުގައި އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ނަޝީދެވެ. އަދި މެޗުގެ 65 ވަނަ މިނެޓުގައި ނަޝީދު ވަނީ އިތުރު ލަނޑެއް ޖަހާފައެވެ.

ދެން މި މެޗުގައި ޗެލްސީގެ ހަވަނަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އާދަމް އަޝްފާނެވެ. އަދި މެޗުގައި 76 ވަނަ މިނެޓުގައި ނަދީމް ވަނީ ޗެލްސީގެ ހަތްވަނަ ލަނޑު ކާމިޔާބުކޮށް، މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ފަސް ޓީމު ވާދަކުރާ މި މުބާރާތުގައި އެންމެ ފުރަތަމަ ކުރިއަށްދަނީ ލީގު ބުރުގެ ކުޅުމެވެ. އެއަށްފަހު ލީގު ބުރުން އެއްވަނައަށްދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ދެވަނަ އަދި ތިންވަނަ ޓީމަށް ޖެހެނީ ސެމީ ފައިނަލް ކުޅޭށެވެ.

މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ކުލަބު އޭދަފުއްޓާއި، ބަޒޫކާ ސްޕޯޓްސް ކުލަބާއި، ވެލިދޫ ސްޕޯޓްސް ކުލަބާއި، ނައިފަރު ޗެލްސީ އަދި ހިންނަވަރު ސްޕޯޓްސް ކުލަބެވެ.

މިދިޔަ އަހަރު މި މުބާރާތް ކުރިއަށް ގޮސްފައިވަނީ ހަމައެކަނި ޅަވިޔަނި އަތޮޅަށް ހުޅުވާލައިގެންނެވެ. އެކަމަކު މި ފަހަރު މި މުބާރާތުގައި ދައުވަތު ދީގެން ޒޯނުގެ އެކި އަތޮޅުތަކުންވެސް ޓީމުތައް ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭއިރު، ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.