ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ނޯތު މާލޭ ޒޯނުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ފޯ ސީޒަންސް ކުޑަ ހުރާ އާއި ބަރޮސް މޯލްޑިވްސް ބައްދަލުކުރަން ޖެހިއްޖެއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު ނިމުނުއިރު، ސެމީ ފައިނަލަށް ބަރޮސް ދަތުރުކުރީ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ޝެރަޓަން މޯލްޑިވްސް 4-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.
އަދި ކުޑަ ހުރާ ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑާ ވާދަކޮށް ޕެނަލްޓީގަައި ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ކުޑަ ހުރާ ކުރިހޯދީ 6-5 ގެ ނަތީޖާއަކުންނެވެ.
މި ނަތީޖާތަކާއެކު ފޯ ސީޒަންސް އާއި ބަރޮސް ސެމީގައި ބައްދަލުކުރާއިރު، ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ވަން އެންޑް އޮންލީ ރީތި ރަށާއި ވަރު ބައި އެޓްމޮސްފިއާއެވެ. ރީތި ރަށް ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ވާދަވެރި ކުރިމަތިލުމަކަށްފަހު ރިޓްޒް ކާލްޓަން 3-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. އަދި ކުއާޓާ ފައިނަލުގެ ދެވަނަ މެޗު ވަރު މޯލްޑިވްސްއިން ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީގައި ގިލި ލަންކަންފުށި ބަލިކޮށްގެންނެވެ.
ރިސޯޓް ލީގު ނޯތު މާލޭ ޒޯނުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ ހަވީރެވެ. އަދި ޖުމްލަ 12 ޓީމާއެކު ފެށި ނޯތު މާލޭ ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައި ވަނީ އަންނަ ބުދަ ދުވަހުގެ ހަވީރެވެ.