ކުޅިވަރު

ދަ ގްރާންޑޭ ބަލިކޮށް ބުރު ސްޕޯޓްސް ފުރަތަމަ ޑިވިޝަނާ ގާތަށް


ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު އަތުން ހޯދި މޮޅާއެކު ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ބުރު ސްޕޯޓްސް ކުލަބު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމާ ގާތަށް ޖެހިލައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ބުރު ސްޕޯޓްސްއިން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗާއެކު ހަތަރު ޓީމު ވާދަކުރާ ކޮލިފައިންގައި މިހާތަނަށް ކޮންމެ ޓީމެއް ވަނީ ދެ މެޗު ކުޅެފައެވެ.

އެއާއެކު ތާވަލުގެ އެއްވަނައިގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ގްރާންޑޭ އަތުން ހޯދި މޮޅާއެކު ބުރު އޮތީ ތިން ޕޮއިންޓާއެކު ދެވަނައިގައެވެ. ދެ ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި ކުލަބު ޓީނޭޖު އޮތްއިރު، ފުލުގައި ޕޮއިންޓަކާއެކު އޮތީ ދަ ގްރާންޑޭއެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބުރު ސްޕޯޓްސްއިން ލީޑު ނަގާފައިވަނީ މެޗުގެ 40 ވަނަ މިނެޓުގައެވެ. މިސްރުގެ މިޑްފީލްޑަރު އަޙްމަދު މުޙައްމަދު ގަބޭލާ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖުމެއިލް ޖަމީލް (ޖުމްބެ) އެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދަ ގްރާންޑޭ ވަރުގަދަކޮށް ފެށިއިރު، މި ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ ހިލޭ ޖެހުމެއްގައި އޭރިއާ ތެރެއަށް ލިބުނު ބޯޅައަކުން އާޖެންޓީނާ ފޯވާޑް ހޫގޯ ނިކޮލަސް ރެޓަމާލް ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑަށްފަހު ބުރު ސްޕޯޓްސްއިން ވަނީ އެ ޓީމަށް ދެވަނަ ޑިވިޝަނުގައި މޮޅު ކުޅުމެއް ކުޅެދިން މުޙައްމަދު ތަޝްމީން (ތައްތި) ކުޅެން އަރުވާފައެވެ.

ތައްތި ކުޅެން އެރިތާ ތިން މިނެޓުގެ ތެރޭގައި އޭނާ ނެގި ކޯނަރަކުން އަޙްމަދު ވިސާމް (ޖެރާޑް) ވަނީ ދެވަނަ ފަހަރަށް ބުރަށް ލީޑު ނަގައިދީފައެވެ. އަދި މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް ބުރު ސްޕޯޓްސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސްޓެފަން ޑުރިޗެވެ. މިއީ އޭރިއާ ތެރެއަށް ހުރަސްވި ބޯޅައަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުން ބުރު ސްޕޯޓްސް މޮޅުވިއިރު، ކޮލިފިކޭޝަނުގެ ފަހު މެޗުތައް ކުޅޭނީ އަންނަ އަންގާރަ ދުވަހެވެ. އެ ދުވަހު ހަވީރު ޓީނޭޖާ ދެކޮޅަށް ބުރު ސްޕޯޓްސް ނުކުންނައިރު، އެ މެޗުން މޮޅުވެއްޖެނަމަ ބުރު ސްޕޯޓްސް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާނެއެވެ. އަދި ބުރު ސްޕޯޓްސް އަތުން ދަ ގްރާންޑޭ ބަލިވުމާއެކު، އެ ޓީމަށް ފުރަތަމަ ޑިވިޝަނުގައި މަގާމު ދެމެހެއްޓެން އޮތީ ފަހު މެޗުގައި ސަސް ބަލިކޮށްގެންނެވެ.