ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން %93 މީހުން ފުރައިގެން ދަނީ ރާއްޖޭގައި ހޭދަ ކުރި ޗުއްޓީއާއި މެދު ހިތްހަމަޖެހިގެން ތިބެ ކަމަށް ސަރވޭއަކުން ދައްކައިފިއެވެ.މިދިޔަ ސެޕްޓެމްބަރ މަހުގެ އެކާވީހުން އޮކްޓޯބަރމަހުގެ ހަތަރަކަށް، " މޯލްޑިވްސް ވިޒިޓަރ ސަރވޭ" ގެ ނަމުގައި މިނިސްޓްރީ އޮފް ޓޫރިޒަމުން އިބްރާހީމް ނާސިރު އިންޓަރ ނޭޝަނަލް އެއަރޕޯޓުގައި ކުރެއްވި މި ސަރވޭގައި 1800 ފަތުރުވެރިން ބައިވެރިވިއެވެ. މި ސަރަވޭގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން 92 އިންސައްތަ މީހުން އަދިވެސް ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ބުނެފައިވާއިރު 98 އިންސައްތަ މީހުން ވަނީ ރާއްޖެއަށް އައުމަށް އެހެން ފަތުރުވެރިން ގާތުގައި ބުނާނެ ކަމަށް ބުނެފައެވެ.މީގެ އިތުރުން މި ސަރވޭއިން ދައްކާގޮތުން ޢާއިލާގެ ގިނަ މެމްބަރުންތަކެއް އެއްކޮށް ޗުއްޓީއަށް ރާއްޖެ އައުމާއި ގުރޫޕް ހަދައިގެން ފަތުރުވެރިން ރާއްޖެއަށް އައުންވެސް ވަނީ އިތުރުވެފައެވެ. އަދި މި ސަރވޭގައި ބައިވެރިވެފައިވާ ފަތުރުވެރިންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކަކީ ކުރިންވެސް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިން ކަމަށްވާއިރު، އެއްމެ ގިނައިން ރިޕީޓް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަނީ ޕީކް ސީޒަންގައިކަން ވަނީ ފާހަގަކުރެވިފައެވެ.ރާއްޖެ ފަދަ އެހެން މަންޒިލްތަކަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިން ވަނީ ރާއްޖެ އެހެން މަންޒިލްތަކަށްވުރެ ރީތި ކަމަށް ބުނެފައެވެ. އެގޮތުން މި ސަރވޭގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ފަންސާސް އަށެއް އިންސައްތަ މީހުން ވަނީ ރާއްޖޭގެ ގޮނޑުދޮށްތަކާއި މޫދު އަނޑީގެ ހިތްގައިމުކަން އެހެން ޤައުމުތަކާ އަޅާބަލާއިރު މާ ރީތިކަމަށް ބުނެފައެވެ.