އައްޑޫ ސިޓީގައި ޓޭބަލް ޓެނިހުގެ ހަރަކާތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ގައުމީ ފެންވަރުގެ ބޮޑު އެއްބަސްވުމެއް އެކުލަވާލުމަށްފަހު ސޮއިކޮށްފިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފުލާ ބޭއްވީ އައްޑޫ ސިޓީގައެވެ. އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު މުޙައްމަދު ނިޒާރެވެ. އަދި ޓީޓީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓއޭއެމް) ގެ ފަރާތުން ސޮއިކުރެއްވީ ނައިބު ރައީސް އިބްރާޖީމް ޝިއުރީ އެވެ.
ޓީޓީ އެސޯސިއޭޝަނާއެކު ސޮއިކުރި މި އެއްބަސްވުމުގެ ތެރޭގައި އެކި ރޮނގުތަކުން މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ. މީގެތެރޭގައި ކުޅުންތެރިން ބިނާކުރުމާއި ވަސީލަތްތައް ގާއިމުކުރުން ހިމެނެއެވެ.
އެއްބަސްވުމުގެ ތެރޭގައި ޓީޓީ އެސޯސިއޭޝަނުން ދާއިމީ ކޯޗަކު އައްޑޫ ސިޓީގައި ބެހެއްޓުން ހިމެނެއެވެ. އަދި އައްޑޫ ސިޓީން އުފެދޭ ކުޅުންތެރިންނަށް ބޮޑެތި ލޯކަލް އަދި ބޭރުގެ މުބާރާތްތަކުން ފުރުސަތުތައް ފަހިކޮށްދިނުން ހިމެނެއެވެ. އަދި ޓީޓީގެ ކޯޗުން ތަމްރީނުކޮށްދިނުންވެސް ހިމެނެއެވެ.
މީގެ އިތުރުން އައްޑޫ ޔޫތު ސެންޓަރުތަކުގައި ޓީޓީ ކުޅޭނެ ސާމާނު ހޯދައިދިނުމާއި ސަރަހައްދުތައް ގާއިމްކޮށްދިނުން ވެސް ހިމެނެެއެވެ.
މި އަހަރުގެ ދުނިޔޭގެ ޓީޓީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފައިވަނީވެސް އައްޑޫ ސިޓީގައެވެ.