ސިޔާސީ

އެމްޑީޕީގެ އެއްވުން ބޭއްވޭނީ ހުއްދަ ދީފައިވާ ސަރަހައްދުގަ- ޕޮލިސް


މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީން މަދަމާ މާލޭގައި ބާއްވަންއުޅޭ އެއްވުން ކުރިއަށް ގެންދިއުމުގައި ހުއްދަ ދެވިފައިވާ ސަރަޙައްދު ފިޔަވައި، މަގުތަކަށް ނުކުމެ ހިނގާލުމެއްގެ ގޮތުގައި އެއްވުން ކުރިއަށް ގެންދިއުމުގެ ފުރުޞަތު ދެއްވެން ނޯންނާނެކަމަށް އެމް.ޑީ.ޕީއާ ބައްދަލުކޮށް ފުލުހުން އަންގަވައިފިއެވެ.އެމް.ޑީ.ޕީގެ އެއްވުމާ ގުޅޭގޮތުން އިސްކަންދަރު ކޮށީގައި އެމް.ޑީ.ޕީއާއެކު ފުލުހުން މިއަދު ކުރެއްވި މަޝްވަރާތަކުގައި، މުޒާހަރާގައި ބައިވެރިވާ މީހުންގެ ރައްކާތެރިކަމާއި، އެއްވުން ކުރިޔަށްދާއިރު ރަށުތެރޭގެ ރައްކާތެރިކަން ޤާއިމްކޮށް ސަލާމަތާއި ރައްކާތެރިކަން އެންމެނަށް ކަށަވަރުވެފައި އޮތުމުގެ މުހިއްމު ކަމާބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް ފުލުހުން ވިދާޅުވެއެވެ.ފުލުހުން ހާމަކުރެއްވި ގޮތުގައި މަގުތަކުގައި މުޒާހަރާ ނުކުރެވޭނެކަން އެންގެވީ މީގެކުރިން، ކުރިއަށް ބާއްވާ އެއްވުންތަކުގައި ހިނގާފައިވާ ފަދަ، ޢާއްމުންގެ މުދަލަށް ގެއްލުންދިނުންމާއި އަމަން ބެލެހެއްޓުމުގައި ޙަރަކާތްތެރިވާ ފުލުހުންނަށް ޙަމަލާދިނުން ފަދަ ނޭދެވޭ ކަންތައްތަކަށް ބައްލަވާފައެވެ. އަދި ޢާއްމު ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށާއި މާލޭގައި ހިންގަމުންދާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކަށް ބޮޑެތި ސަރަޙައްދުތަކެއް ބަންދުކޮށްފައިވުމަކީވެސް މިކަމުގެ ސަބަބެކެވެ. އަދި މީގެ އިތުރުން ހުކުރު ދުވަހަކީ ކުޑަ ކުދިންނާއި ގިނަ ޢަދަދެއްގެ ރައްޔިތުން ހިތްހަމަޖައްސާލުމަށް މާލޭގެ އެކި ސަރަޙައްދުތަކަށް ނުކުންނަ ދުވަހަށްވުމަކީވެސް މިކަމުގެ ސަބަބެކެވެ.މީގެ އިތުރުން މި އެއްވުމާ ގުޅިގެން ފުލުހުންނަށް ލިބިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކުރައްވައި، ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، މަގުތަކަށް ނުކުމެ ހިނގާލުމެއްގެ ގޮތުގައި އެއްވުން ކުރިއަށް ގެންދިއުމުގެ ފުރުޞަތު ދެވެން ނެތީކަމަށްވެސް މިއަދުގެ ބައްދަލުވުމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް އަންގަވާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ސަލާމަތީ ގޮތުން ފުލުހުން އަޅުއްވަން ނިންމާފައިވާ ފިޔަވަޅުތަކުގެ އިތުރުން އެމް.ޑީ.ޕީން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. މިބައްދަލުވުމުގައި ފުލުހުން ވަނީ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި ޞުލްޙަވެރިކަމާއި ޢާއްމު މަޞްލަޙަތު ދެމެހެއްޓުމަށް އެކުލަވާލާފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް އެއްވުން ކުރިޔަށް ގެންދަން އެމްޑީޕީގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އެގޮތަށް އެއްވުން ކުރިޔަށް ގެންދާނަމަ ފުލުހުންގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދެއްވަމުން ގެންދަވާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެއްވުމުގައި އަޑުގަދަކުރާ ބޭނުންކުރާނަމަ ނަމާދު ވަގުތަށް މެދުކަނޑާލުމަށާއި ރޭގަނޑު އެގާރައިގެ ފަހުން ސައުންޑް ބޭނުންކޮށްގެން އަޑުގަދަކުރަން ފުރުޞަތު ނުދެއްވާނެ ކަމަށާއި، އެއްވުން ކުރިޔަށްދާއިރު ހަތަރު ފުރޮޅުލީ ވެހިކަލެއް ބޭނުން ނުކުރެވޭނެކަން ފުލުހުން ވަނީ އެމް.ޑީ.ޕީއަށް އަންގަވާފައެވެ. އެއްވުން ކުރިޔަށްދާ ހުރިހާ ވަގުތެއްގައިވެސް ޢާއްމު ރައްޔިތުންގެ ޙައްޤުތަކަށް އިޙްތިރާމްކޮށް، އެ ޙައްޤުތައް ގެއްލިގެން ނުދާނެފަދަ ގޮތަކަށް އެއްވުން ކުރިޔަށް ގެންދިއުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކިބައިން މިއަދުގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.