ވިޔަފާރި

ދެވަނަ ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ ފަށައިފި


ދެވަނަ ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ އައްޑޫސިޓީގައި ފަށައިފިއެވެ. މި އެކްސްޕޯ ފައްޓަވައި ދެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަނަސް އަބްދުއް ސައްތާރުއެވެ.

ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯއަކީ ރާއްޖޭގެ ދެކުނުގެ ވިޔަފާރިތައް އިޝްތިހާރުކޮށް، ސަރުކާރާއި އާންމުންނާއި ވިޔަފާރިތައް ގުޅުވައި ދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށް ދާނީ މިމަހުގެ 27 އަށެވެ. މިފަހަރު އެކްސްޕޯގައިވެސް ގިނަ އަދަދެއްގެ އެގްޒިބިޓަރުން ބައިވެރިވެފައިވާއިރު، 25، 26 އަދި 27 ވަނަ ދުވަހު ރޭގަނޑު 10:00 ޖެހުމާއި ހަމައަށް އެކްސްޕޯ ކުރިއަށްދާނެއެވެ. އެކްސްޕޯ ކުރިއަށްދާނީ އައްޑޫ ހައިސްކޫލް ހޯލުގައެވެ.

ބިޒްނަސް އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަނަސް އަބްދުއް ސައްތާރު ވިދާޅުވީ، ރާއްޖެއަކީ މިހާރު ހުނަރުވެރި ޒުވާން ވިޔަފާރިވެރިން އުފެދެމުން އަންނަ ޤައުމެއް ކަމަށާއި، އެހެން ކަމުން މި ފަރާތްތައް އެންމެ އެކަށީގެންވާ އިންވެސްޓަރުންނާއި ގުޅުވައި ދޭން ޖެހޭ ކަމަށެވެ.

އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި މިއެކްސްޕޯ އިންތިޒާމްކުރާ ޓައިޓަން މޯލްޑިވްސްއިން ވިދާޅުވީ، މިއެކްސްޕޯ ބޭއްވުމަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި ނަމަވެސް ކާމިޔާބީއާއި ހަމައަށް ވާސިލުވެވިފައިވާ ކަމަށެވެ. އަދި އެކްސްޕޯގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތައް ބައިވެރިވުމަކީ މިކަމުގެ ހެއްކެއް ކަމަށް އެކުންފުނިން ބުނެއެވެ.

ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯގައި އެގްޒިބިޝަންތަކުގެ އިތުރުން ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެއެވެ. އެގޮތުން އިކޮނޮމިކް ޓްރޭޑް އާއި ގުޅޭ ޕެނަލް ޑިސްކަޝަންއަކާއި އިންޝުއަރެންސް އެންޑް ފައިނޭންސް އާއި ގުޅޭ ގޮތުން ޕެނަލް ޑިސްކަޝަންއެއް އޮންނާނެއެވެ. އަދި އެކްސްޕޯގެ އެންމެ ފަހު ދުވަހު ތަޢުލީމާއި، ސިއްޙަތާއި އަދި އިޔާދަ ކުރަނިވި ހަކަތައާއި ގުޅޭ ޕެނަލް ޑިސްކަޝަންތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

ދެވަނަ ސަދަން މޯލްޑިވްސް އެކްސްޕޯ ފަށާފައިވާއިރު ފުރަތަމަ އެކްސްޕޯ ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޯވިޑާއި ގުޅިގެން އެކްސްޕޯ މެދު ކެނޑުނުކަން ޓައިޓަން މޯލްޑިވްސްއިން ފާހަގަކުރިއެވެ.