ޚަބަރު

މަހްފޫޒަށް ހަމަލާދިން މައްސަލައިގައި 3 މީހަކަށް ދައުވާކުރަނީ


ޤާނޫނީ ވަކީލް މަހްފޫޒް ސަޢީދަށް ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމްކޮށްލި މައްސަލާގައި 3 މީހެއްގެ މައްޗަށް ދައުވާކުރައްވަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިމިނަލް ކޯޓަށް ހުށައަޅުއްވައިފިއެވެ.މި 3 މީހުންގެ ތެރެއިން އެކަކުގެ މައްޗަށް އުފުއްލަވާފައިވަނީ ތޫނު އެއްޗަކުން ޙަމަލާދީ ޤަޞްދުގައި މީހަކު މަރާލަން އުޅުނުކަމުގެ ކުށުގެ ދަޢުވާއެކެވެ. ދެން ތިބި ދެމީހުންގެ މައްޗަށް އުފުއްލަވާފައިވަނީ ޤަޞްދުގައި މީހަކު މަރާލަން އުޅުމުގައި ބައިވެރިވިކަމުގެ ކުށުގެ ދަޢުވާއެކެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގެންނެވި މަހްފޫޒް ސަޢީދުގެ ބޮލަށް ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމްކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ހަތަރުވަނަ ދުވަހުއެވެ. އޭނާގެ ސީރިއަސް ޒަޚަމަތްކަށް އައިޖީއެމްއެޗާއި ސްރީލަންކާގައި ފަރުވާދީފައިވެއެވެ.