ކުޅިވަރު

ޕީއެސްވީ ބަލިކޮށް ރޭންޖާސް ޗެމްޕިއަންސް ލީގަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ކޮލިފައިން ޕްލޭއޮފުގައި ޕީއެސްވީ އެއިންދޯވެން ބަލިކޮށް ގްރޫޕް މަރުހަލާއިން ރޭންޖާސް ޖާގަ ހޯދައިފިއެވެ.

ރޭންޖަރސް މިޖާގަ ކަށަވަރު ކުރީ ޕީއެސްވީއާ ބައްދަލުކޮށް 3-2 ގެ އެގުރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މި ދެ ޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ރޭންޖަރސްގެ ދަނޑުގައި ކުޅެ 2-2 ގެ ނަތީޖާއަކުން އެއްވަރުވިއިރު ބުދަ ދުވަހުގެރޭ ކުޅުނު ދެވަނަ ލެގް ޕީއެސްވީގެ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ކުރިހޯދީ ރޭންޖާސްއެވެ.

މިމެޗްގައި ރޭންޖަރސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 60 ވަނަ މިނެޓްގައި ޖަހާދިނީ މަލިކް ޓިލްމަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އެންޓޯނިއޯ ކޮލާކްއެވެ. މިލަނޑަކީ ޕީއެސްވީގެ ފަހަތުން ކުޅުނު ބޯޅައެއް މަލިކް ހޯދުމަށްފަހު ތަނަވަސްކުރި ފުރުސަތެކެވެ. މިލަނޑާއެކު ފިލިޕްސް ސްޓާޑިއޮންއަށް ހަމަހިމޭންކަން ވެރިވު އިރު ޕީއެސްވީއިން މެޗްގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ ކުރި މަސައްކަތް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މިމެޗްގައި މިލަނޑުގެ ކުރިންވެސް ޕީއެސްވީއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް މިއިން އެއްވެސް ހަމަލާއެއް ކާމިޔާބުވާގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ރޭންޖަރސްއިން މިވަނީ ވޭތުވެދިޔަ 10 އަހަރުގެ ތެރެގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް މަރްހަލާއިން ޖާގަހޯދާފައެވެ. މިއާއެކު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގުގެ ގްރޫޕް މަރްހަލާގެ ގުރުއަތުލުމުގައި ސެލްޓިކާއެކު ރޭންޖަރސްވެސް ހިމެނިގެންދާނެއެވެ. މިއީ ސްކޮޓްލަންޑަށް ނިސްބަތްވާ މިދެޓީމް އެކުގައި ގްރޫޕް މަރުހަލާގައި 2007-2008 ވަނަ ސީޒަނަށްފަހު ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.