ކުޅިވަރު

ރިސޯޓް ލީގު: ކުއާޓާގެ ފަހު ޖާގަތައް ކުޑަ ހުރާ އާއި ރިޓްޒްއަށް


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ނޯތު މާލޭ ޒޯނުގެ ނޮކައުޓް މެޗުތައް ކާމިޔާބުކޮށް ކުއާޓާ ފައިނަލުގެ ފަހު ޖާގަތައް ފޯ ސީޒަންސް ކުޑަ ހުރާ އާއި ރިޓްޒް ކާލްޓަންއިން ހޯދައިފިއެވެ.

ވަން އެންޑް އޮންލީ ރީތި ރަށުގައި ކުރިއަށްދާ ނޯތު މާލޭ ޒޯނުގެ ކުއާޓާ ފައިނަލަށް ރިޓްޒް ކާލްޓަން ދަތުރުކުރީ ނޮކައުޓް މެޗުގައި ހުވަފެންފުށި 4-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. އަދި ފޯ ސީޒަންސް ކުޑަ ހުރާ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައި ވަނީ އޮބްލޫ ސެލެކްޓް ސަންގެލި އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗުތަކާއެކު ނޯތު މާލޭ ޒޯނުގެ ކުއާޓާ ފައިނަލުގައި ބައްދަލުކުރާނެ ޓީމުތައް ވަނީ ކަށަވަރުވެފައެވެ. އެގޮތުން އަންނަ ހުކުރު ދުވަހުގެ ހަވީރު ކުޅޭ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ އަދި މުބާރާތް ބާއްވާ ރީތި ރަށާ ރިޓްޒް ކާލްޓަންއެވެ. އަދި ހަމަ އެ ދުވަހުގެ ހަވީރު ކުޅޭ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ އެއްވަނަ ގިލި ލަންކަންފުއްޓާ ވަރު މޯލްޑިވްސްއެވެ.

އެއަށްފަހު ހޮނިހިރު ދުވަހުގެ ހަވީރު ކުޅޭ ކުއާޓާގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ސީގެ އެއްވަނަ ޝެރަޓަން އާއި ގްރޫޕް ޑީގެ ދެވަނަ ހޯދި ބަރޮހެވެ. އަދި އެ ދުވަހު ކުޅޭ ކުއާޓާގެ ފަހު މެޗުގައި ބައްދަލުކުރާނީ ޕަޓީނާ މޯލްޑިވްސް އާއި ފޯ ސީޒަންސް ކުޑަ ހުރާއެވެ.

ކުއާޓާ ފައިނަލް މެޗުތަކަށްފަހު ސެމީ ފައިނަލް މެޗުތަށް ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 29 ގައެވެ. އަދި ފައިނަލް މެޗު ކުޅޭނީ މިމަހުގެ 31 ވަނަ ދުވަހެވެ.