ޚަބަރު

ކޮމަންޑޫން ހިއްކާފައިވާ ސަރަޙައްދުގެ ރިވެޓްމަންޓް އާކުރަން ފަށައިފި


ށ.ކޮމަންޑުއަކީ ރާއްޖޭގައި ބިން ފުރި، ބޯހިޔާވަހިކަަމުގެ މައްސަލަ އެއްމެ ބޮޑަށް އޮތް އެއް ރަށެވެ. ކޮމަންޑޫގެ އާބާދީއަކީ 1900 މީހުންނެވެ. ނަމަވެސް ރަށުގައި ދިރިއުޅޭ އާބާދީއަކީ ހަތްސަތޭކައެއްހައި މީހުންނެވެ. ރަށުގެ ގިނަ ބަޔަކު އެހެން ރަށްތަކަށް ހިޖުރަކުރަން ޖެހުނު ސަބަބަކީވެސް ރަށުގެ ދަތި ދިރިއުޅުމުގެ ޙާލަތެވެ.

2018ވަނަ އަހަރު ރަށުން 10 ހެކްޓަރުގެ ބިން ހިއްކިނަމަވެސް، އެ ސަރަޙައްދު އޮތީ ބޭނުންކުރެވޭ ޙާލަތުގައެއް ނޫނެވެ. ހިއްކަން ބޭނުންކުރި ފަސްފުނިތަކާއި، އަޑިގުޑަންތަކާއި ހިލަ ތޮށިވެސް އޮތީ އެއްވެސް ރޭވުންތެރިކަމެއް ނެތިއެވެ.

އެތަށް އަހަރެއްވީ ބޮޑު މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވައި ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިޢުލާނުކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހު، ކޮމަންޑޫގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިންނެވެ.

ހަފްތާއެއްގެ ތެރޭ އެކަމުގެ ޢަމަލީ މަސައްކަތް ފެށްޓެވިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ހަވާލުކުރެއްވީ މަތިކޮމަންޑޫން 16.7 ހެކްޓަރު ހިއްކުމަށާއި ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތެވެ. ފަހުންވަނީ ކޮމަންޑޫން ހިއްކި ސަރަޙައްދުގެ ވަށައިގެން ޖަހާފައިވާ ތޮށީގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

މި މަޝްރޫޢުގެދަށުން މަތިކޮމަންޑޫ ހިންކުމުގެ ބޮޑެތި ގިނަ މަސައްކަތްތައް އެމްޓީސީސީންވަނީ ކޮށްފައެވެ. އަދި ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ.

އެމްޓީސީސީން މިހާރު މިވަނީ، ކޮމަންޑޫން ކުރިން ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށް ޖަހާފައިވާ ބޮޑުހިލައިގެ ތޮށި ނަގައި މައްސަލަތައް ޙަލުކުރުމަށް އާ ރިވެޓްމަންޓެއް ޖެހުމުގެ މަސައްކަތް ފަށާފައެވެ. ކުރިން އެ މަސައްކަތް ކޮށްފައިވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތިއެވެ. ބޮޑުހިލައިގެ ތޮށި އާކުރުމުގެ މަސައްކަތުގެދަށުން 1690 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމަންޓް އާކުރާނެއެވެ.

ބިންހިއްކުމާއި ހިއްކި ސަރަޙައްދުގެ މަސައްކަތަށްފަހު، ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތްތައްވެސް ކުރިއަށްގެންދާނީ އެމްޓީސީސީންނެވެ. އެގޮތުން 200 މީޓަރުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫ ގުޅާލާނެއެވެ.

ކޮމަންޑޫގެ ބޯހިޔާވަހިކަމުގެ ޙާލަތަށް ބަލާއިރު، އެއް ގެއެއްގައި އެތަށް އާއިލާތަކެއް ދިރިއުޅެމުން އާދެއެވެ. ކުދި ކޮޓަރިތަކުގައި، އެއް ކޮޓާރިއެއްގައި އާއިލާގެ އެންމެ ދިރިއުޅޭ ގޭބިސީތައްވެސް އެބަހުއްޓެވެ. ރަށުގެ ބިންފުރުމުގެ ސަބަބުން، ރަށަށް ގެންނަން ބޭނުންވާ އިޤްތިޞާދީ ކުރިއެރުމަށްވެސް އޮތީ ހުރަހަކަށް ވެފައެވެ.

ކޮމަންޑޫގެ ބިން ބޮޑުކުރުމުގެ މުޅި މަޝްރޫޢު ނިމިގެންދާއިރު، ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ގޯތި ދޫކުރުމާއި އެނޫންވެސް އެތައް ފުރުސަތެއް ރައްޔިތުންނަށް ލިބޭނެއެވެ.

މި މަޝްރޫޢުއަކީ ސަރުކާރުން 249 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުކެވެ.