ޚަބަރު

ތަޞައްވުރު ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ- ރައީސް


ބޭރު ދުނިޔޭގައި ރާއްޖޭގެ ތަޞައްވުރު ރަނގަޅު ކުރުމަށްޓަކައި ގިނަ ޢަދަދެއްގެ ފައިސާއާއި، ވަގުތު ހޭދަކުރަން ސަރުކާރަށް ޖެހިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވެއްޖެއެވެ.ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވުމަށް ދަރުބާރު ގޭގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ރާއްޖޭގެ ނަން ކިނލަބުކޮށް، ރާއްޖެއަށް ދަތިކުރުމަށް އެކިފަރާތްތަކުން މަސައްކަތް ކުރަމުންގެންދާތީ، ކަންކަމުގެ ރަނގަޅު ޙަޤީޤަތް ސާފުކޮށްދެއްވައި، ބޭރުގެ ދުނިޔޭގައި ރާއްޖޭގެ ތަޞައްވުރު ރަނގަޅުކުރެއްވުމަށް ގިނަ ޢަދަދެއްގެ ފައިސާއާއި ވަގުތު ހޭދަކުރައްވަން ސަރުކާރަށް ޖެހިވަޑައިގެންފައިވާކަމަށެވެ.  ފަތުރުވެރިކަން ކުރިއަރުއްވައި މި ޞިނާޢަތް ތަރައްޤީކުރެއްވުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންދީ، ފަތުރުވެރިކަން އިނދަޖައްސާލުމަށް ކެނޑިނޭޅި ދިވެހިންގެ ބަޔަކު، ކުރަމުންދާ މަސައްކަތުގެ ސަބަބުން، ފަތުރުވެރިކަމަށް އަސަރުކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން މިކަން ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ފަހަގަކުރެއްވިއެވެ.ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރުމާއި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމަށް ގޮވައިލުމާއި ހިތްވަރުދިނުން މަނާކުރާ ބިލް ރައްޔިތުންގެ މަޖިލީހުން މިދިޔައަހަރު ފާސްކުރެއްވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބިލް ތަޞްދީޤް ނުކުރައްވައި، އަލުން ވިސްނެވުމަށް މަޖިލީހަށް ފޮނުއްވާފައެވެ. މިބިލަށް މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ޕިޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ބުނެފައެވެ.މި ބިލުގައި ވަނީ، ޓޫރިޒަމް ބޮއިކޮޓްކުރުމަށް ގޮވައިލުމާއި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވައިލުމާއި ހިތްވަރުދިނުމަކީ ކުށެއްކަމަށެވެ. އެގޮތުން އެފަދަ ކުށެއްގެ ސަބަބުން، ގެއްލުމެއް ލިބިފައިވާ ކޮންމެ ފަރާތަކުން، އެކަމެއް ކުރި މީހެއްގެ މައްޗަށް ދަޢުވާކުރެވިދާނެ ކަމަށް ބިލްގައިވެއެވެ.ޓޫރިޒަމް ބޮއިކޮޓްކުރުމަށް ގޮވައިލުމާއި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވައިލުމާއި ހިތްވަރު ދޭ މީހެއްގެ އަދަބަކީ، އެ މީހަކު އެކަމުގައި ބައިވެރިވި މިންވަރަށް ބަލައި، 2-10 އަހަރުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭ ބަންދު ކުރުން ނުވަތަ ބައިވެރިވި މިންވަރަށް ބަލައި، ފަސްސަތޭކަހާސް ރުފިޔާ އާއި ފަސް މިލިއަން ރުފިޔާ އަށް ވުރެ މަދު ނޫން އަދަދަކުން ޖޫރިމަނާކުރުންކަމަށް މި ބިލުގައި ބާންކޮށްފައިވެއެވެ.ރައީސުލްޖުމްހޫރިއްޔާ މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީ ފުޅާކުރައްވައި ތަރައްޤީކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.