އިނގިރޭސި ލީގު ކަޕުގައި ތިންވަނަ ޑިވިޝަނުގެ ބޮލްޓަން ވޮންޑަރާސްއާ ދެކޮޅަށް ކުޅުނު މެޗު ޕްރިމިއާ ލީގުގެ އެސްޓަން ވިލާއިން ކާމިޔާބުކޮށްފިއެވެ.
ބޮލްޓަންގެ ދަނޑުގައި ކުޅުނު މި މެޗު ވިލާއިން ކާމިޔާބުކުރީ ފަހަތުން އަރައި 4-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވިލާއިންނެވެ. ނަމަވެސް މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ބޮލްޓަނުންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިއޮން ޗާލްސްއެވެ.
ނަމަވެސް އޭގެ 12 މިނެޓު ފަހުން ޑަގްލަސް ލުއިޒް ކާމިޔާބުކޮށްދިން ލަނޑާއެކު ވިލާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މި މެޗުގައި ވިލާއިން ފަހަތުން އަރައި ލީޑު ނަގާފައިވަނީ މެޗުގެ 63 ވަނަ މިނެޓުގައި ޑެނީ އިންގްސް ކާމިޔާބުކޮށްދިން ޕެނަލްޓީންނެވެ.
މި މެޗުގައި ވިލާއިން ލީޑު ފުޅާކުރީ މެޗުގެ 66 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް ޑީންއެވެ. އަދި އެ ޓީމުގެ ފަހު ލަނޑު މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ލިއޮން ބެއިލީއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ވިލާގެ ކޯޗް ސްޓީވެން ޖެރާޑް ބުނީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ބަލިވުމާއެކު މި މެޗުގައި ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިއުން މުހިންމުވި ކަމަށާއި، އަދި މި ކާމިޔާބިއާއެކު އަންނަ އާދީއްތަ ދުވަހު ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ބައްދަލުކުރާ މެޗަށް އޭނާގެ ކުޅުންތެރިންނަށް އިތުބާރާއެކު ކުރިމަތިލުމުގެ ހިތްވަރު ލިބިގެންދާނެ ކަމަށެވެ.