ޚަބަރު

ރަސްދޫގައި 50 ރޯހައުސް ތަރައްޤީކުރަން ހުޅުވާލައިފި


އއ.ރަސްދޫގައި 50 ރޯހައުސް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އއ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރަސްދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރަށުގެ ބޯހިޔާވަހިވަހިކަމުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އެއާއެކު ހައުސިން މަޝްރުޢެއް ހިންގަވަން ނިންމަވާފައިވާކަމަށާ، އެމަސައްކަތް 2022ވަނަ އަހަރު ފަށްޓަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ހުޅުވާލާފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އއ.ރަސްދޫގައި 50 ރޯހައުސް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށެވެ. ރަސްދުއަކީ އާބާދީގައި 1200އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. އެރަށުގެ ބިމުގެ ބޮޑުމިނަކީ 20 ހެކްޓަރެވެ.

ސަރުކާރުން އެރަށުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ 50 ރޯހައުސްގެ މަސައްކަތުގެ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 6ވަނަ ދުވަހުއެވެ. ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 255000 ބަހައްޓަންޖެހެއެވެ.

ރަސްދޫއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރިވެސް ކުރަމުން އަންނަ އެއް ރަށެވެ. ރަށުގައި ގާތްގަނޑަކަށް 30 ގެސްޓްހައުސް މިިހާރުވެސް ހިންގަމުން އާދެއެވެ. ގެސްޓްހައުސްގެ ވިޔަފާރިވެސް ކުރަން ޖެހިފައިވަނީ، ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ދޫކުރާ ބިންތަކުގައެވެ. ރަސްދޫގެ ބޯހިޔާވަހިކަމުގެ މައްސަލައިގެ ސަބަބުން، ރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރި އިތުރަށް ކުރިއަރައިގެން ދިއުމަށްވެސް ދަތިތަކާ ކުރިމަތިވެއެވެ.

ސަރުކާރުން މިހާރުވެސް އަންނަނީ ގިނަ ރަށްތަކެއްގައި ރޯހައުސްތައް ތަރައްޤީކުރުމުގެ މަޝްރޫޢު ހިންގަމުންނެވެ. ރޯހައުސްތަކަކީ ވަކިވަކި ގެތަކެވެ. މިއަހަރުގެ މިހާތަނަށްވެސް ގިނަ ރަށްތަކެއްގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ވަނީ ހަވާލުކޮށްފައެވެ. މިގޮތަށް ތަރައްޤީކުރާ ރޯހައުސްތަކަކީ 1000އަކަފޫޓުގެ ގެތަކެކެވެ. ރޯހައުސްތައް ތަރައްގީކުރަނީ 3 ކޮޓަރީގެ ގެތަކެއްގެ ގޮތުގައެވެ.

މި ރޯހައުސްތައް ދޫކުރަނީ ވީހާވެސް ކުޑަ އަގެއްގައި، ދިގު މުއްދަތުން ފައިސާ ދައްކާގޮތަށެވެ.