ދުނިޔެ

ސޫރިޔާއަށް ދޭ ވައިގެ ޙަމަލާތައް ހުއްޓާނުލާނެ - ރަޝިޔާ


ސޫރިޔާގައި ޙަރަކާތްތެރިވަމުންދާ ހަނގުރާމަވެރި ޖަމާޢަތްތަކަށް އަމާޒުކޮށް ދޭ ވައިގެ ޙަމަލާތައް ހުއްޓާނުލާނެކަމަށް ރަޝިޔާއިން ބުނެފިއެވެ.ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް ވިދާޅުވީ ސޫރިޔާގައި ޙަރަކާތްތެރިވާ އަލްޤައިދާގެ ގޮތްޕާއި އައިއެސް ފަދަ ޓެރަރިސްޓް ޖަމާޢަތްތައް ބަލިކޮށްނުލެވެނީސް ރަޝިޔާއިން އެޤައުމަށް ދޭ ހަމަލާތައް ހުއްޓާނުލާނެ ކަމަށެވެ. އޮމާންގެ ވެރިރަށް މަސްޤަތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލަވްރޯފް ވިދާޅުވީ އައިއެސްގެ އިތުރުން ސޫރިޔާގައި ޙަރަކާތްތެރިވާ ޖަބްހަތުއްނުޞްރާ ޖަމާޢަތަކީވެސް ނުރައްކާތެރި ޓެރަރިސްޓް ޖަމާޢަތެއް ކަމަށާއި ރަޝިޔާއިން ސޫރިޔާގެ ހަނގުރާމައަށް އަސްކަރީގޮތުންވަނީ އެފަދަ ޓެރަރިސްޓް ޖަމާޢަތްތައް ބަލިކުރުމުގެ ބޭނުމުގައި ކަމަށެވެ.ރަޝިޔާގެ ޚާރިޖީ ވަޒީރު މިމޭރުމުން ވާހަކަ ދެއްކެވީ ރަޝިޔާއިން ސޫރިޔާއަށް ދޭ ވައިގެ ޙަމަލާތައް ހުއްޓާލުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ގޮވާލައްވާފައިވަނިކޮށެވެ. ކެރީ ވިދާޅުވީ ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް ޖެނީވާގައި ފަށާފައިވާތީ ރަޝިޔާގެ ވައިގެ ޙަމަލާތައް ހުއްޓާލަން ޖެހޭކަމަށެވެ. ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން، ރަޝިޔާއިން ދޭ ވައިގެ ޙަމަލާތައް، ސޫރިޔާގެ ޢާންމުންނަށާއި ޓެރަރިސްޓް ނޫން ޖަމާޢަތްތަކަށްވެސް އަމާޒު ކުރަމުން ގެންދާކަމަށް ތުހުމަތުކޮށްފައިވެއެވެ.