ޚަބަރު

ރާއްޖޭގެ ފުރަތަމަ އޮޓޮމެޓިކް ފަޔަރ ސިމިއުލޭޓަރާއެކު ރާއްޖެއިން ތަމްރީން


އޭވިއޭޝަންގެ ދާއިރާގައި ހަރަކާތްތެރިވާ އަލިފާން ނިއްވާ މީހުން ތަމްރީން ކުރުމަށް، ޚާއްސަ އިންސްޓިއުޓަކާއިއެކު ރާއްޖޭގެ ފުރަތަމަ "ފަޔަރ ޓްރެއިނިން ސިމިއުލޭޓަރ" އިފްތިތާޙުކޮށްފިއެވެ. މި "ފަޔަރ ޓްރެއިނިން ސިމިއުލޭޓަރ" ތަރައްޤީކޮށްފައިވަނީ ހޯރަފުށި އެއަރޕޯޓްގައެވެ.

މި އިންސްޓިޓިއުުޓް ހިންގަނީ މޯލްޑިވްސް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީންނެވެ.

މޯލްޑިވްސް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވީ، މި އިންސްޓިޓިއުޓަކީ އެއަރޕޯޓްތަކަށް ބޭނުންވާ އަލިފާން ނިއްވާ މީހުން ރާއްޖޭގައި ތަމްރީންކުރަން ފެށުމަށް ކުރިއަށް ގެންދާ އެންމެ ބޮޑު މަސައްކަތްކަަމަށެވެ.

"ޓްރެއިނިން އިންސްޓިޓިއުޓް ފޮރ އޭވިއޭޝަން ފަޔަރ ފައިޓަރސް"ގެ ދަށުން، ޢަމަލީ ތަމްރީނުތައްވެސް ކުރިއަށްދާނެއެވެ.

ޢަމަލީ މައިދާނުގައި ތަމްރީނު ދިނުމަށް "އަޙުމަދު ފަޔާޒް ފަޔަރ ޓްރެއިނިންގ ސިމުއުލޭޓަރ"ވެސް މިވަނީ އިފްތިތާޙުކޮށްފައެވެ. މި ސިމިއުލޭޓަރއަށް ނަން ދީފައި މިވަނީ، ރާއްޖޭގެ އެމަރޖެންސީ ސަރވިސް އަދި ފަޔަރ އެންޑް ރެސްކިއު ދާއިރާއަށް އަގުހުރި ގިނަ ޚިދުމަތްތަކަށް ކުރައްވައި މިހާރު ދުނިޔެ ދޫކުރައްވާފައިވާ އަޙުމަދު ފަޔާޒްގެ ނަމުންނެވެ. އަޙުމަދު ފަޔާޒް މި ދާއިރާއަށް 31 އަހަރު ޚިދުމަތްކުރެއްވިއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފަޔާޒް ނިޔާވެފައިވަނީ، ހޯރަފުށީ އެއަރޕޯޓްގެ އިންސްޕެކްޝަން މަސައްކަތްތަކެއްގައި ހޯރަފުށީގައި ހުންނަވަނިކޮށް ކުއްލިގޮތަކަށެވެ.

"އަޙްމަދު ފަޔާޒް ފަޔަރ ޓްރެއިނިންގ ސިމުއުލޭޓަރ" ޤާއިމުކޮށްފައިވަނީ ހޯރަފުށި އެއަރޕޯޓްގައެވެ. މި ސިމިއުލޭޓަރއަކީ އަލިފާނުގެ ޙާދިސާތަކުގައި، ކަން ކުރަންވީ ގޮތުގެ ހާލަތްތައް ތަޖުރިބާކުރުމަށް ހަދާފައިވާ ސިމިއުލޭޓަރއެކެވެ.

ރީޖަނަލް އެއަރޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރިޒްވީ، ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ މި އިންސްޓިއުޓުން ސިވިލް އޭވިއޭޝަން އޮތޯރިޓީ ޤަބޫލުކުރާ 40 ކޯހެއް ހިންގުމުގެ ހުއްދަ ލިބިފައިވާކަމަށެވެ. އަދި އިންސްޓިޓިއުޓްގައި ކޯސްތައް ހިންގުމަށް، 20 އިންސްޓްރަކްޓަރުން ތަމްރީންކޮށްފައިވާކަމަށެވެ.

ރިޒްވީ ވިދާޅުވީ މިހާރު ރާއްޖޭގައި މަސައްކަތްކުރާ އަލިފާން ނިއްވާ މީހުން ތަމްރީން ހޯދަނީ ރާއްޖެއިން ބޭރުންކަަމަށެވެ. އެންމެ މީހަކަށް މި ޓްރެއިން ދިނުމަށް 12000އަށްވުރެ ގިނަ ޑޮލަރު ހޭދަކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އެއަރޕޯޓްތައް އިތުރުވަމުން އަންނައިރު، މިއީ ވަރަށް ބޮޑު ހޭދައެއްކަމަށާ، އެހެންނަމަވެސް މި އިންސްޓިޓިއުޓާއެކު، ރާއްޖެއިން ބޭރުން ހޯދާ ފެންވަރުގެ ތަމްރީންތަކާއި ކޯސްތައް ރާއްޖެއިން ލިބޭނެކަމަށް ރިޒްވީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިވަގުތު ތަމްރީންތައް ހިންގަނީ، ރާއްޖޭގެ އެކި އެއަރޕޯޓްތަކުގައި މަސައްކަތްކުރާ އަލިފާން ނިއްވާ މީހުންނަށްކަމަށެވެ. ނަމަވެސް ކުރިމަގުގައި މި ތަމްރީންތަކަށް އާއްމުކޮށް ހުޅުވާލުމަށް ގަސްތުކުރާކަމަށް އޭނާ ވިދާޅުވިއެވެ.