ވިޔަފާރި

އުރީދޫ ކްލަބް ޕްރިމިއަރ ޙިދުމަތާއެކު އުރީދޫ އައްޑޫ އޮފީސް އަޕްގްރޭޑްކޮށްފި


އުރީދޫ ކްލަބް ޕްރިމިއަރގެ ޙިދުމަތާއި އެކު އުރީދޫ އައްޑޫ އޮފީސް ރީބްރޭންޑްކޮށް އަލުން ހުޅުވައިފިއެވެ.

އުރީދޫގެ އައު އޮފީސް ހުޅުވުމާއި އެކު، އެކުންފުނިން އައްޑޫގައި ދެމުން އަންނަ ޙިދުމަތްތައް އިތުރަށް ފުޅާކުރެވި ކަސްޓަމަރުންނަށް މުޅިން އައު ކަންކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ އައު އޮފީސް ހުޅުވައި ދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އުރީދޫގެ ސީއީއޯ ޙާލިދް އަލް ޙަމަދީ ވިދާޅުވީ އުރީދޫގެ ޙިދުމަތްތައް ދިނުމުގައި މިހާރުވެސް އެންމެ އިސްކަމެއް ދެވޭނީ ކަސްޓަމަރުންނާއި ގުޅިގެން ޙިދުމަތް ދިނުމަށް ކަމަށެވެ. އެގޮތުން މުޖްތަމަޢުގެ އެންމެނާއި ގާތުން ފުރިހަމަ ޙިދުމަތްތެއް މިތަނުގެ ސަބަބުން ދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫ އެކްސްޕީރިއެންސް ސެންޓަރު އައްޑޫގައި އިތުރު ޙިދުމަތްތަކާއެކު ހުޅުވިގެން ދިޔައިރު، އެންމެ ބޮޑު ބަދަލެއް ގޮތުގައި ފެންނާނީ އުރީދޫގެ ކްލަބް ޕްރިމިއަރ ލައުންޖް ޙިދުމަތް އައްޑޫއިން ލިބިގެން ދިއުންކަމަށް އުރީދޫއިން ބުނެއެވެ. މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އުރީދޫގެ ސީނިއަރ ސުޕަވައިޒަރ ޑިސްޓްރިބިއުޝަން އައިޝަތު ޝަޒްނާ ވިދާޅުވީ، މާލެއިން ބޭރުގައި ކްލަބް ޕްރިމިއަރ ޙިދުމަތް މިވަގުތު ލިބޭނީ ހަމައެކަނި އައްޑޫއިން ކަމަށެވެ.

"އުރީދޫ ރީބްރޭންޑް ވެގެން އަންނައިރު އޭގެ ދަށުން، ކެމްޕެއިންގަ ބުނާގޮތަށް ކަސްޓަމަރސް އަށް ލިބިގެންދާ އެކްސްޕީރިއެންސްތައް އަޕްގްރޭޑް ވެފަ މިހާރު އިންނާނީ. ދެން އައްޑޫ ނުވަތަ ރާއްޖެތެރޭގައި ފުރަތަމަ ފަހަރަށް ކްލަބް ޕްރިމިއަރ ލައުންޖެއް މި ހުޅުވީ. މީގެ ތަފާތު ކަސްޓަމަރުންނަށް ފެނިގެންދާނެ. އެހެން އެކްސްޕީރިއެންސެއް ކަސްޓަމަރުންނަށް ލިބިގެން ދާނެ. ކުރިއަށްވުރެ ރަނގަޅު އަޕްގްރޭޑެޑް ސާވިސްތަކެއް ކަސްޓަމަރ އެކްސްޕީރިއެންސް ވެގެން ދާނެ" ޝަޒްނާ ވިދާޅުވިއެވެ.

ކްލަބް ޕްރިމިއަރ ލައުންޖަކީ ކްލަބް ޕްރިމިއަރ ކަސްޓަމަރުން ޙިދުމަތް ހޯދުމަތް އައިސް ހިތް ފަސޭހަ ގޮތަކަށް ތިބެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ލައުންޖެކެވެ.

އުރީދޫގެ ޙިދުމަތް އައްޑޫގައި ދޭން ފަށާފައިވަނީ 2005 ވަނަ އަހަރުއެވެ. އޭގެ ފަހުން އުރީދޫގެ ޙިދުމަތްތައް ފުޅާވެ އުރީދޫގެ އެކްސްޕީރިއެންސް ސެންޓަރެއް ހިތަދޫގައި ހުޅުވިފައިވާއިރު، އުރީދޫއިން ދެމުންދާ އެންމެ ޒަމާނީ އެންމެ ފަހުގެ ހުރިހާ ޙިދުމަތެއްވެސް މިހާރު އައްޑޫއިން ލިބިގެން ދާނެ ކަމަށް އެކުންފުނިން ބުނެއެވެ.