ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.
ސޮސިއެޑާޑުގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކަމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ބާސާއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ 34 ވަނަ އުފަން ދުވަސް އިއްޔެ ފާހަގަކުރި ފޯވަާޑް ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ އޭނާ ބާސާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
ނަމަވެސް މި ލަނޑު ޖެހިތާ ފަސް މިނެޓު ފަހުން ސޮސިއެޑާޑުގެ އެލެގްޒެންޑާ އިސާކް ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗްގައި ބާސާއިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 66 ވަނަ މިނެޓުގައި އޮސްމާން ޑެންބެލޭ ކާމިޔާބުކުރި ލަނޑާއެކުއެވެ.
އަދި އޭގެ ދެ މިނެޓު ފަހުން ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ޖަހައި، ބާސާގެ ލީޑު ފުޅާކޮށްދީފައެވެ. ދެން މި މެޗުގައި ބާސާއިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ޖަހައިދިނީ އަންސޫ ފަޓީއެވެ.
މި ކާމިޔާބީއާއެކު ބާސާ މިހާރު އުޅެނީ ތާވަލުގެ ފަސްވަނައިގައި ލިބިފައިވާ ހަތަރު ޕޮއިންޓާއެކުއެވެ. އަދި ސޮސިއެޑާޑް ވަނީ 10 ވަނައަށް ފަހަތަށް ޖެހިލާފައެވެ.