ރިޕޯޓް

މިއަހަރު ތެރޭ ފެނާއި ނަރުދަމާގެ 91 މަޝްރޫޢެއް ކުރިއަށްދާނެ


ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާގެ ޙިދުމަތް އާއްމުންނަށް ފޯރުކޮށްދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، މިއަހަރުގެ ތެރޭ 91 މަޝްރޫޢު ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދަޢުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި، ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގެވުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށްވެސް އަލިއަޅުއްވާލައްވަވާފައިވެއެވެ.އެގޮތުން "އެންމެންނަށް ސާފުބޯފެން" ވަޢުދުގެ ދަށުން 2015 ވަނަ އަހަރުގެ ތެރޭ 15 ރަށެއްގެ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތާއި، 20 ރަށެއްގެ ފެނުގެ ނިޒާމް ފަރުމާކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އަދި މިއަހަރުގެ 37 ރަށެއްގެ ފެނުގެ ނިޒާމުގެ މަޝްރޫޢު ކުރިއަށްގެންދެވުމަށް ހަމަޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ މާލޭ ސަރަހައްދަށް ލިބެމުންދާ ސާފު ބޯފެން އެއްވެސް ދަތިކަމެއްނެތި އާއްމުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން މިއަހަރު މުހިއްމު މަސައްކަތްތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން ޢާއްމުންނަށް ފަސޭހަކަމާއިއެކު ބޯފެން ލިބޭނެކަމުގެ ޔަޤީންކަން ހޯދައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން މާލޭގެ 2 ސަރަޙައްދެއްގައި އައު 2 ފެން ޕަލާންޓް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތްވެސް މިއަހަރުގެ ތެރޭ ފެށިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.މިދިޔަ އަހަރު 22 ރަށެއްގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށައި، 42 ރަށެއްގެ ނަރުދަމާ ނިޒާމް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ކުރައްވާފައެވެ. 2015 ވަނަ އަހަރު 10 ރަށެއްގައި ނަރުދަމާ ނިޒާމް ޤާއިމުކޮށްދެވިފައިވާ ކަމަށާއި، މިއަހަރު 54 ރަށެއްގައި ނަރުދަމާ ނިޒާމުގެ މަޝްރޫޢު ކުރިއަށްދާނެކަން ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން، 13 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް މިހާރު ހިނގަމުންދާކަމަށާއި، 12 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ އައު މަޝްރޫޢެއް މިއަހަރުގެ ތެރޭ ފެށިގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރާއްޖެ އެކި ކަންކޮޅުތަކުގައި ބަނދަރު ހެދުމުގެ 51 މަޝްރޫޢެއްގައި ސޮއިކޮށް، އެ ބަނދަރުތަކުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިހާރު ހިނގަމުންދާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ރަށްރަށުގެ ބިމުގެ މުއްސަނދިކަން އިތުރު ކުރުމުގެ ގޮތުން 7 މަޝްރޫޢެއް ކުރިއަށްދާ ކަމަށާއި، އިތުރު 3 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް މިހާރު ސޮއިކުރައްވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.މީގެ އިތުރުން 20 ރަށެއްގެ މަގުހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށް، 8 ރަށެއްގެ ޢަމަލީ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންނަ މާރޗް މަހުގެ ތެރޭ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަނަށް އިތުރު ވަސީލަތްތައް ހޯދައިދޭން ސަރުކާރުން ނިންމަވާފައިވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ހަމައެހެންމެ ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ހަދަމުންދާ ލިންކް ރޯޑްގެ މަސައްކަތްނިމި، މިއަހަރުތެރޭ ލިންކް ރޯޑް ބޭނުންކުރަން ފެށޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔަސީ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.