ކުޅިވަރު

މަރޭގެ ހިސާބު: މި ފަހަރުގެ އައިއޯއައިޖީގައި 21 މެޑެލް!


އަންނަ އަހަރު މަޑަގަސްކަރާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެއަށް 21 މެޑެލް ލިބޭނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު މަރްޒޫގް (މަރޭ) ހިސާބު ޖަހައިފިއެވެ.

މީގެ ކުރިން 2015 ވަނަ އަހަރު އަދި 2019 ވަނަ އަހަރުވެސް މަރޭ ވަނީ އައިއޯއައިޖީގެ ކުރިން ހިސާބު ޖައްސަވައި، އެ ހިސާބު ދިމާ ކުރައްވާފައެވެ. އެގޮތުން 2015 ވަނަ އަހަރު ރާއްޖެއިން ނުވަ މެޑެލް ހޯދުމުގެ ކުރިން މަރޭ ވަނީ ރާއްޖެއަށް އެ އަހަރު ލިބޭނީ ނުވަ މެޑެލް ކަމަށް ވިދާޅުވެފައެވެ. އަދި އެ އަހަރުގެ މުބާރާތް ނިންމާލުމަށްފަހު ރާއްޖެއައުމަށް ފުލައިޓުގައި އިނދެ މަރޭ ވަނީ ޓިޝޫ ކަރުދާހުގައި 2019 ވަނަ އަހަރުގެ މުބާރާތުގައި ރާއްޖެއަށް 15 މެޑެލް ލިބޭނެ ކަމަށް ހިސާބު ޖައްސަވާފައެވެ.

އާދީއްތަ ދުވަހު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މަރޭ ވިދާޅުވީ ފާއިތުވެދިޔަ ދެ ތިން ދުވަހު ގިނަ ފަރާތްތަކުން އަންނަ އަހަރުގެ އައިއޯއައިޖީން ރާއްޖެއަށް ލިބޭނީ ކިތައް މެޑެލް ތޯ އައްސަވާފައިވާ ކަމަށާއި، އެހެންކަމުން އެ ސުވާލުގެ ޖަވާބަކީ 21 މެޑެލް ކަމަށެވެ.

އަދި މި އަހަރު ކުރިއަށްދިޔަ ގޭމްސްތަކުގައި ރާއްޖޭގެ އެތުލީޓުންގެ ހުނަރު ފެނިގެން ގޮސްފައިވާ ކަމަށާއި، އެހެންކަމުން އައިއޯއައިޖީގައި ރާއްޖެއަށް 21 މެޑެލް ހޯދޭނެ ފެންވަރު އެތުލީޓުންގެ ކިބައިގައި ހުރި ކަމަށް މަރޭ ވިދާޅުވިއެވެ.

މަރޭ ވިދާޅުވީ އައިއޯއައިޖީގައި 21 މެޑެލް ހޯދަން ބޭނުންވާނަމަ އެތުލީޓުންނަށް ރާއްޖެއިން ބޭރުން ތަމްރީނު ހޯދުމުގެ ފުރުސަތު އަވަހަށް ހޯދައިދޭން ޖެހޭ ކަމަށެވެ. އަދި މެޑެލް ހޯދުމަށް ކުރިއަށް އޮތް 10 މަހަށް ރަނގަޅު ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށްވެސް މަރޭ ވިދާޅުވިއެވެ.

މީގެ އިތުރުން މަރޭ ވަނީ އެމްއޯސީ އާއި، ކުޅިވަރު އެސޯސިއޭޝަންތައް އަދި ސަރުކާރުން ގުޅިގެން 21 މެޑެލް ހޯދުމަށް މަސައްކަތް ކުރާނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

އަންނަ އަހަރުގެ އައިއޯއައިޖީ މަޑަގަސްކަރާގައި ބާއްވާއިރު، އެ ގޭމްސް އެންމެ ފުރަތަމަ ބާއްވަން ނިންމީ ރާއްޖޭގައެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ފަހުން އެ ފުރުސަތު ވަނީ ގެއްލިފައެވެ. އައިއޯއައިޖީ ބޭއްވުމުގެ ބިޑް ރާއްޖޭން ކާމިޔާބުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީވެސް މަރޭއެވެ.