ޚަބަރު

ގޯއްޗަށް އެދި 10 ހާހަށްވުރެ ގިނަ މާލޭ މީހުން ކުރިމަތިލައިފި


މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުން މިހާތަނަށް ދިހަހާހަށްވުރެ ގިނަ މީހުން ފޯމު ހުށައަޅާފައިވާކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހުޅުވާލާފައިވާ ބިންވެރިޔާ ސްކީމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. މިސްކީމުގެ ދަށުން ގޯއްޗަށް އެދުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ހަމަވާނެއެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ ދެމަހެއްހާ ދުވަހުގެ ތެރޭގައި ހަމައެކަނި ގޯއްޗަށް އެދި ހައުސިންގ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ދިހަހާހަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާކަމަށެވެ.

މާލޭ ރައްޔިތުންނަށް ދިނުމަށް ހަމަޖެހިފައިވަނީ 5000 ގޯއްޗެވެ. މީގެތެރޭގައި ހިމެނެނީ ހުޅުމާލެއިން ދޭ 1000 ގޯއްޗާއި ގުޅީފަޅުންދޭ 2000 ގޯއްޗާއި ގިރާވަރުން ދޭން ހަމަޖެހިފައިވާ 2000 ގޯއްޗެވެ.

ގެދޮރުވެރިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ވިދާޅުވީ މިވަގުތުވެސް މާލެ ސަރަޙައްދުގައި 10627 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްދާއިރު މީގެތެރޭގައި 5445 ޔުނިޓަކީ އަތްފޯރާފަށުގައި ހުރި ހައުސިންގ ޔުނިޓެވެ. އަދި ދެން ހިމެނެނީ އެހެނިހެން ކެޓަގަރީތަކަށް ޚާއްސަކޮށްފައިވާ 5182 ހައުސިންގ ޔުނިޓެވެ. އަތޮޅުތެރޭގެ 14 ރަށެއްގައި 1520 ހައުސިންގ ޔުނިޓުގެ މަސައްކަތް މިހާރު ކުރިއަށްދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ބޯހިޔާވަހިކަމަށް ހައްލެއްގެނައުމަށް ހައުސިންގ ލޯންގެ ނަމުގައިވެސް ސަރުކާރުން އަންނަނީ ރަށްރަށުގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ލޯނުގެ އެހީ ފޯރުކޮށްދެމުންނެވެ. މީގެ ދަށުން މިހާތަނަށް 237 މީހަކު ލޯނަށް ކުރިމަތިލާފައވާކަމަށް ހައުސިންގ މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފައެވެ. މިފަރާތްތަކުގެ ލޯންތައް އެޕްރޫވްކޮށްފައިވާއިރު 143 ފަރާތާއެކު މިހާތަނަށް އެގްރިމަންޓް އެކުލަވާލާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 124 ފަރާތަކަށް ލޯނު ދޫކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ހައުސިންގ މިނިސްޓަރވަނީ ވިދާޅުވެފައެވެ.

ހައުސިންގ މިނިސްޓަރ ވިދާޅުވީ ކޮންމެ ސަރުކާރެއްގައި ފެށިނަމަވެސް މަޝްރޫޢުތަކަކީ ރަނގަޅު މަޝްރޫޢެއްކަމުގައިވާނަމަ މަޝްރޫޢު މެދުކަނޑާލުމަކީ މިސަރުކާރުގެ ވިސްނުމެއް ނޫންކަމަށެވެ. މިގޮތުން ހިޔާފްލެޓުތަކުގެ މަސައްކަތްވެސް އެއްކޮށް ނިންމާ ރައްޔިތުންނާއި ޙަވާލުކޮށްފައިވަނީ މިސަރުކާރުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.