ޚަބަރު

މެދުފަންތީގެ 3,000 ހައުސިންގ ޔުނިޓް އަޅަން ތައްޔާރުވަނީ


ހުޅުމާލޭގައި މެދުފަންތީގެ 3,000 ހައުސިންގ ޔުނިޓް އެޅުއްވުމަށް ކުރައްވަންޖެހިވަޑައިގަންނަވާ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިޢުލާން ކުރައްވައިފިއެވެ.2016 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް ވިދާޅުވީ، މިއަހަރުގެ ތެރޭގައި މިކަން ފެއްޓެވުމަށް ސަރުކާރުން ތައްޔާރުވެވަޑައިގަންނަވަމުންދާ ކަމަށެވެ.މީގެއިތުރުން، ޗައިނާގެ އެގްޒިމް ބޭންކުގެ ލޯނުގެ އެހީގެ ދަށުން ކުރިއަށްގެންދާ 1,500 ހައުސިންގ ޔުނިޓުގެ މަސައްކަތްތައް މިހާރު ފެށިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިޔުނިޓްތަކުގެ ޢަމަލީ މަސައްކަތްތައް، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ނިންމާލެވޭނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ގެދޮރުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ޢިމާރާތް ކުރަމުންގެންދާ 704 ހައުސިންގ ޔުނިޓުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު ނިމޭނެއެވެ. އަދި އެތަނުގައި މީހުން ދިރިއުޅެން ފަށާނެއެވެ. އަދި  މެދުފަންތީގެ އާމްދަނީއަށް އަމާޒުކޮށްގެން އަމިއްލަ ކުންފުނިތަކުން ހައްދަވާ 1200 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ފަށްޓަވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ. އަދި މަތީ ފަންތީގެ އާމްދަނީއަށް އަމާޒުކޮށްގެން އަމިއްލަ ކުންފުނިތަކުން ހަދާ 403 ހައުސިންގ ޔުނިޓް އެޅުމާ ގުޅޭ މަސައްކަތްތައް މިހާރު ފެށިފައިވާކަންވެސް ރައީސް ހާމަކުރެއްވިއެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން އެންމެބޮޑު އަހަންމިއްޔަތުކަމެއް ދެމުން މިގެންދަނީ، އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރައްވައި، އިޖްތިމާޢީ ހަމަޖެހުން ގެނެސްދެއްވުމަށެވެ. އެގޮތުން ވޭތުވެދިޔަ އަހަރަކީ، ސަރުކާރުގެ ތަރައްޤީގެ ވަރަށްގިނަ މަޝްރޫޢުތަކެއް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުނު އަހަރެއްކަން ބަޔާންކުރައްވައި، ހަމައެޔާއެކު ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކެއް ލިބިގެންދިޔަ އަހަރެއްކަމަށް ވިދާޅުވިއެވެ. އަދި އިޤްތިޞާދީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުނު އަހަރެއް ކަމަށާއި މާތްﷲގެ އިރާދަފުޅާއެކު، 2016 ވަނަ އަހަރަކީ، މިދިޔަ އަހަރަށްވުރެ ގިނަ، ބޭނުންތެރި މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާނެ އަހަރެއް ކަމަށް ވިދާޅުވިއެވެ.