ކުޅިވަރު

ލެސްޓާ ސިޓީގެ އެއްބަސްވުން ވާޑީ އާކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގެ ލެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިންގްލަންޑުގެ ފޯވާޑް ޖެމީ ވާޑީ، އެ ކުލަބުގައި އިތުރު ދެ އަހަރު މަޑުކުރަން ނިންމައި އެއްބަސްވުން އާކޮށްފިއެވެ.

މި އައު އެއްބަސްވުމާއެކު އޭނާ 2024 ވަނަ އަހަރުގެ ސީޒަން ނިމެންދެން އެކްލަބްގައި ހުންނާނެއެވެ.

އުމުރުން 35 އަހަރުގެ ވާޑީ މިއަހަރުގެ މެއި މަހު ލެސްޓަރގައި ހުންނަތާ 10 އަހަރު ފުރުން ފާހަގަ ކޮށްފައިވާއިރު މިހާތަނަށް ވަނީ ޕްރިމިއަރ ލީގުގައި 272 މެޗް ކުޅެދީ 133 ލަނޑު ކާމިޔާބުކޮށްދީފައެވެ. 2012 ވަނަ އަހަރު ނޮން ލީގްގެ ޓީމެއްކަމަށްވާ ފްލީޓްވުޑްއިން ލެސްޓަރއަށް ބަދަލުވި ވާޑީ ވަނީ 2015-2016 ވަނަ އަހަރުގެ ސީޒަންގައި ލެސްޓަރއަށް ޕްރިމިއަރ ލީގުގެ ތަށި ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި އެފަހަރުގެ ސިޒަންގައި އޭނާވަނީ 24 ލަނޑު ޖަހާދީފައެވެ.

މީގެއިތުރުން ލެސްޓަރ އާއެކު އޭނާވަނީ އެފް އޭ ކަޕް ކާމިިޔާބުކޮށް އަދި ޗެމްޕިއަންސް ލީގުގައިވެސް ކުޅެފައެވެ. ހުރިހާ މުބާރާތެއްގައި ލެސްޓަރއަށް މިހާތަނަށް 387 މެޗް ކުޅެދީ 164 ލަނޑު ޖަހާދީފައިވާ ވާޑީ ބުނީ އެއްބަްވުން އާކުރެވުމާއެކު އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

މީގެ އިތުރުން ވާޑީ ބުނީ އޭނާ މިހާރު ކްލަބްގައި ހުންނަތާ ވަރަށް ދުވަސް ވެއްފައިވާ ކަމަށާއި، އެހެންކަމުން އޭނާއަކީ އެކްލަބްގެ މައި މަރުކަޒުގެ ބައެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށެވެ. ވާޑީ ވަނީ 2019-2020 ވަނަ ސީޒަންގައި 23 ލަނޑާއެކު ޕްރިމިއަރ ލީގުގެ ރަން ބޫޓުވެސް ހޯދާފައެވެ. އަދި އިންގްލަންޑް ޓީމަށް މިހާތަނަށް 26 މެޗް ވަނީ ކުޅެފައެވެ.