ޚަބަރު

ފުރަތަމަ ފަހަރަށް މާފުށި ކުނިކޮށި އެއްކޮށް ސާފުކޮށްފި


ކ.މާފުށި ކުނިކޮށްޓަށް ޖަމާކޮށް އެތައް ދުވަހެއްވަންދެން ހުރި ކުނިފުނިތައް ފުރަތަމަ ފަރަށް އެތަނުން ނަގައި ތަން ހުސްކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ މާފުށި ކުނި ކޮށިން ނެގި ކުނިތައް ނައްތާލުމަށް ގެންދާނީ ތިލަފުށި ވޭސްޓް ފެސިލިޓީއަށްކަމަށެވެ. ގާތްގަނޑަކަށް 900 އަށްވުރެ ގިނަ ޓަނުގެ ކުނި ހިމެނޭ މިކުނިފުނި ހުސްކޮށްފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއާ ހަވާލުކޮށްގެންނެވެ.

މާފުށްޓަކީ މާލެއަތޮޅުގެ ސިނާއީ މުހިންމު ރަށަކަށްވެފައި އެރަށަކީ ގެސްޓުހައުސްތަައް ގިނަ ރަށެކަށް ވުމުން ކުނިތައް ނަގާ އެތަން ހުސްކުރުމަކީ މުހިއްމުކަމެއްކަމަށް މިނިސްޓްރީން ދެކެއެވެ. އަދި މިއީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ހައްލުނުކުރެވި އޮތް ބޮޑުމައްސަލައެއްކަންވެސް މިނިސްޓްރީން ފާހަގަކުރައްވާއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ އެ މަސައްކަތަކީ ފަތުރުވެރިކަމާއި އާންމު ސިއްހަތަށްވެސް ފައިދާހުރި މަސައްކަތެއްކަމަށާއި، މިކަމަށް 3.5 މިލިޔަން ރުފިޔާ ހަރަދުކުރިކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ މާލެއަތޮޅާއި ވ. އަތޮޅުގެ ބައެއް ރަށްތަކުގައި މިގޮތަށް ހުރި ކުނިފުނިތައް ހުސްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ކުނީގެ މައްސަލައަކީ މާފުއްޓާސް ދިމާވެފައިވާ ވަރަށްބޮޑު މައްސަލައެކެވެ. އެރަށުން ދުވާލަކަށް ގާތްގަނޑަކަށް 5 ޓަނުގެ ކުނި އުފައްދާއިރު، އެތަކެތި ރައްކާތެރިގޮތުގައި ނައްތާލެވޭވަރުގެ ފެސިލިޓީއެއް ރަށުގައި ގާއިމުވެފައިނެތުމަކީ ރަށުގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.