ޚަބަރު

ދިގު އިންތިޒާރެއް، ތޮއްޑޫ ނަރުދަމާގެ މަސައްކަތް ފަށައިފި


އއ.ތޮއްޑޫގައި ނަރުދަމާ ވިއުގަ އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. ތޮއްޑޫގެ އާބާދީ ބޮޑުވުމާއި، ތޮއްޑުއަކީ ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ރަށަކަށްވުމާއެކު، މި މަޝްރޫޢަކީ ރަށަށް ވަރަށްމުހިންމު މަޝްރޫޢުއެވެ.

ސަރުކާރުން ވަނީ ރާއްޖޭގައި މިިހާތަނަށް ފެނާއި ނަރުދަމާ ނެތް ހުރިހާ ރަށެއްގައި، މި ނިޒާމު ޤާއިމުކުރުމަށް ނިންމައި އެ މަސައްކަތްތައް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ.

އެގޮތުން 2021ވަނަ އަހަރުގެ މަރޗް މަހު ކޮންޓްރެކްޓަރުންނާއެކު ސޮއިކުރި 34 މަޝްރޫޢުގެ ތެރޭގައި އއ.ތޮއްޑޫގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭ.އެމް.ސީ ޕްރައިވެޓް ލިމިޓެޑާއެވެ.

މަސައްކަތަށް ބޭނުންވާ ސާމާނު ރަށަށް ގެންގޮސް، މިހާރު މިވަނީ ރަށުގައި ޢަމަލީ މަސައްކަތް ފަށާފައެވެ.

އއ.ތޮއްޑޫގެ އާބާދީ 2000އިން މައްޗަށް އަރައެވެ. އަދި ރަށަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރު ކުރާ ރަށެކެވެ. ލޯކަލް ޓުއަރިޒަމްގެ އެކި މަސައްކަތަކުގައި ރަށުން ބޭރު 700އެއްހައި މީހުން ރަށުގައި ދިރިއުޅެމުންދެއެވެ. އެރަށުގައި 50އަށްވުރެ ގިނަ ގެސްޓް ހައުސް ހިންގަމުން އާދެއެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަޙުމަދު ކަރަމް ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، ނަރުދަމާ ނިޒާމަކީ ރަށަށް ވަރަށްބޮޑަށް ބޭނުންވެފައިވާ އަސާސީ ޚިދުމަތެއްކަމަށެވެ. ޚާއްސަކޮށް ގޭބިސީތައް އިތުރުވުމާއި، ނަރުދަމާ ޖަންގްޝަންތައް ގޭގެ ގޯތިތެރޭގައި ބަހައްޓަން ޖެހުމުން ގެދޮރުއަޅާ ފަރާތްތަކަށްވެސް އޭގެ ދަތިކަން ކުރިމަތިވާކަމަށެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ކަރަމް ފާހަގަކުރެއްވީ، ދެމެހެއްޓެނިވި ނަރުދަމާގެ ނިޒާމު ނެތުމުގެ ސަބަބުން ރަށުގެ ފެން ފަށަލަ ތަޣައްޔަރުވުމުގެ މައްސަލައެވެ.

"ފެން ފަށަލައަށް ނަޖިސް ބޭރުވުމުގެ މައްސަލަ ދިމާވޭ. އަދި ބޮޑެތި ގެތަށް ބަހައިގެން ހަދާއިރު، ގޯތި ތެރޭ ނޯވެ ޖަންގްޝަން ބެހެއްޓޭނެ ގޮތެއް. އެހެންވީމަ މިއީ ހުރިހާގޮތަކުންވެސް ރަށަށް މުހިންމު މަޝްރޫޢުއެއް." ކަރަމް ވިދާޅުވިއެވެ.

މި މަޝްރޫޢުގެދަށުން، ޖަންގްޝަންތައް ހެދުމާއި ގޭގެއަށް ކަނެކްޝަން ގުޅައިދިނުން ކުރިއަށްދާނެއެވެ. ތޮއްޑޫ ނަރުދަމާ ނިޒާމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2އަހަރާ 2 މަހުން ނިންމާގޮތަށެވެ.

މި މަޝްރޫޢުގެ އަގު 29.5 މިލިއަން ރުފިޔާއަށް އަރައެވެ. މި މަޝްރޫޢަ ފަންޑުކުރަނީ އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް)ގެ ލޯނު އެހީގެ ދަށުންނެވެ.