ޚަބަރު

އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާރީޚުގައި ފަށާނެ: އަސްލަމް


ރ. އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަހު ފެށޭނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އުނގޫފާރު ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ލަސްވާ ސަބަބާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަނީ އުނގޫފާރު ބިން ހިއްކުމަކީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދެއްކަމަށާއި މި މަޝްރޫޢުގެ މަސައްކަތް މިދިޔަ ދެ އަހަރުގެ ބަޖެޓުގައި ހިމެނި މިހާރު ކޮންޓްރެކްޓް ކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މި ފަހުން ކޮންޓްރެކްޓު ކުރެވުނު މަޝްރޫޢުތައް ފެށި އިރު އުނގޫފާރު ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ނުފެށިވާކަމަށް މުހައްމަދު ވަހީދު ވިދާޅުވިއެވެ.

މެންބަރު މުހައްމަދުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އިން ޝެޑިއުލްއެއް ތައްޔާރުކޮށްފައިވާ ކަމަށާއި އުނގޫފާރުގެ ބިން ހިއްކުމަށް ޝެޑިއުލް ކުރެވިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގައި ކަމަށެވެ. ޝެޑިއުލް ތަރުތީބުކުރެވިފައިވާ ގޮތުން މިހާރު ބިން ހިއްކަން ފެށުން އޮތީ އަންނަ އަހަރުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެމްޓީސީސީން ގެންގުޅެނީ 4 ޑްރެޖަރު. އޭގެ ތެރެއިން އެއް ޑްރެޖަރަކީ ހޮޕަރ ސަކްޝަން ޑްރެޖަރެއް އަނެއް 3 ޑްރެޖަރަކީ ކަޓަރ ސަކްޝަން ޑްރެޖަރ. އެކަތި އެއީ ވަރަށް ކުޑަ ޑްރެޖަރެއް. ބިންހިއްކުމުގެ ބައެއް މަސައްކަތްތައް ކުރިއަށް ގެންދަނީ ކަޓަރ ސަކްޝަން ޑްރެޖަރުން އެއީ އެގޮތަށް ބިން ހިއްކެން އޮންނަ ރަށްރަށުގައި. އުނގޫފާރަކީ ހޮޕަރއިން ހިއްކޭނެ ރަށެއް. ހޮޕަރއިން 7 ރަށެއް ހިއްކުމަށް އެބައިން ލިސްޓްކުރެވިފައި" މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

މަޝްރޫއުތަކުގެ ތަރުތީބު ކުރިއަށް ގެންދަވަނީ ކޮންގޮތަކުންތޯ މެންބަރު ވަހީދު ސުވާލުކުރެއްވުމުން މިނިސްޓަރ އަސްލަމް ވިދާޅުވީ 21 ރަށުގެ ބިން ހިއްކުމަށް ރާވާފައިވާއިރު ހުރިހާ ރަށަކީ އެއްލެވެލްއެއްގައި އިސްކަންދޭ ރަށެއް ނޫން ކަމަށެވެ. އަދި 4 ޑްރެޖަރު އޮވެގެން އެއްބައި ޑްރެޖަރަށް ބައެއް މަސައްކަތް ކުރެވިފައި އަނެއްބައި ޑްރެޖަރަށް އެ މަސައްކަތް ނުކުރެވޭތީ ލިސްޓެއް ތަރުތީބުކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެހެންވީމަ އެގޮތަކަށް ބިމުގެ ބޭނުން އެންމެ ބޮޑަށް ހުންނަ ތަނަކަށް ބަލާފައި އިސްކަންދެނީ. ތަރުތީބުކޮށްފައި ނުހުރޭ އަހަރުގެ މަސައްކަތް ކުރަންޖެހޭނީ މިވަނި ހިސާބެއްގައި ކަމަށް. ބަޖެޓުގައި ހިމަނާފައި ހުންނާނެ އެ އަހަރު މަސައްކަތް ކުރަން ހުންނަ ކަންކަން" މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 1150 މީޓަރުގެ ރިވެޓްމަންޓަކާއި 75 މީޓަރުގެ ގްރޮއިން އެޅުމަށްވެސް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢަކީ ސަރުކާރުން 75345322.58ރ (ހަތްދިހަ ފަސް މިލިއަން ތިން ސަތޭކަ ސާޅީސް ފަސް ހާސް ތިން ސަތޭކަ ބާވީސް) ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ޕްލޭނިންގ މިނިސްޓަރ ވިދާޅުވީ އުނގޫފާރުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް އަގެއްހޯދާ އެއަށް އެޕްރޫވް ހޯދާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާ ތެރޭގައި އުނގޫފާރު ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ކޮންޓްރެކްޓް ކުރެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.