ޚަބަރު

އިންޑިއާ ކަނޑުގެ މަސްވެރިކަމާބެހޭ ސަރަހައްދީ ބައްދަލުވުމެއް


އިންޑިޔާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ބެލެހެއްޓުމަށް ސަރަޙައްދީ ފެންވަރުގައި ގޮތްތަކެއް ކަނޑައެޅުމަށް ބާއްވާ ބައްދަލުވުމެއް ރާއްޖޭގައި މިއަދު ހެނދުނު ފަށައިފިއެވެ. މިއީ، "އިންޑިއަން އޯޝަން ކޯސްޓަލް ސްޓޭޓްސް މީޓިންގ އޮން ހާވެސްޓް ކޮންޓްރޯލް ރޫލްސް" ނަމުގައި ބާއްވާ ދެދުވަހުގެ ބައްދަލުވުމެކެވެ. އިންޑިއަން އޯޝަން ކޯސްޓަލް ސްޓޭޓްސް މީޓިންގ އޮން ހާވެސްޓް ކޮންޓްރޯލް ރޫލްސްގެ ނަމުގައި ބާއްވާ މި ބައްދަލުވުމުގައި، އިންޑިޔަން އޯޝަން ޓޫނާކޮމިޝަންގައި ހިމެނޭ އައްސޭރި ފަށުގެ 20 ޤައުމުގެ ތެރެއިން 18 ޤައުމު ބައިވެރިވެއެވެ. ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބާއްވާ މި ބައްދަލުވުންތަކުގައި އިންޑިޔާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރާނެ ގޮތްތަކަކާމެދު މަޝްވަރާކޮށް، އުޞޫލުތަކެއް އެކުލަވާލުމަށް ހަމަޖެހިފައިވާ ކަމުގައި، ބައްދަލުވުން ބޭއްވުމުގައި ރާއްޖޭގައި ފަރާތުން ރަކާތްތެރިވެވަޑައިގަންނަވާ ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. މިބައްދަލުވުން ފެށުމަށް ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ދެއްކެވި ވާހަކަފުޅުގައި ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި މަސްވެރިކަމުގެ އުޞޫލުތަކަކީ މުޅި ސަރަޙައްދުގައި ޢަމަލުކުރާ ގޮތަށް ނުވުމުގެ ސަބަބުން އިންޑިޔާ ކަނޑުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތުގައި އޮތުމުގެ ސުވާލު އުފެދިފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، އިންޑިޔާކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތުގައި ތަރައްޤީކުރުމަށް އުޞޫލުތަކެއް ކަނޑައަޅައި، އެއަށް މިހާރުން މިހާރަށްވެސް އަމަލުކުރުމަކީ އެންމެ އިސްކަންދޭންޖެހޭ ކަމެއް ކަމަށް ޑރ. ޝައިނީ ވިދާޅުވިއެވެ. އިންޑިޔަން އޯޝަން ޓޫނާކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އަދާކުރަމުން އައި މުހިންމު ދައުރު ރާއްޖޭގެ ފިޝަރީޒް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މަސްވެރިކަމާއި ބެހޭ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި ދެ ދުވަހުގެ މިބައްދަލްވުމުގެ ތެރެއިން ދިވެހި ރާއްޖޭގައި ކުރަމުންދާ ދެމެހެއްޓެނިބި ކަނޑުމަހުގެ މަސްވެރިކަމުން ބާނާ މަހަށް ރަނގަޅު އަދު ހޯދާ ދިނުމަށް ސަރުކާރުން، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންއާ ސަރަހައްދީ ފަރާތްތަކާއެކު މަޝްވަރާ ކުރެވޭނެއެވެ.  އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ މަޝްވަރާތަކަށްފަހު ޤަރާރެއް އެކަށައެޅުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި މެއި 2016 ގައި ރިޔޫނިއަން އައިލޭންޑްގައި ބޭއްވޭ އެކޮމިޝަންގެ 20 ވަނަ ބައްދަލުވުމަށް މި ޤަރާރު ފާސްކުރުމަށް މަސައްކަތްކުރުމަށާއި ދިވެހިރާއްޖެއިން އިސްނަގައިގެން ޚާއްޞަ ކަރުދާހެއް އެ ބައްދަލުވުމަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީން ހާމަކުރައްވާ. މިބައްދަކްވުން ރާއްވަވާފައިވަނީ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި، އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ފަރާތުންނެވެ. އަދި މިބައްދަލްވުން ބޭއްވުމަށް އިންޓަރނޭޝަނަލް ސީފުޑް ސަސްޓެއިނަބިލިޓީ ފައުންޑޭޝަންއާއި ވޯލްޑް ވައިލްޑް ލައިފް ފަންޑްގެ އިތުރުން މެރިން ސްޓުއާޑްޝިޕް ކައުންސިން އިންވެސް އެހީތެރިވެއެވެ.