ޚަބަރު

ކުއްލި ޙާލަތްތަކުގައި އަމަލުކުރާނެގޮތުގެ ޕްލޭން އެކުލަވާލާ އިފްތިތާޙުކޮށްފި


ކުއްލި ޙާލަތްތަކުގައި އާމަލުކުރާނެގޮތުގެ ޕްލޭން އެކުލަވާލާ އިފްތިތާޙުކޮށްފިއެވެ. މިޕްލޭންގެ އެންމެ މުހިންމު މަޤްޞަދަކީ ދިމާވެދާނެ ކޮންމެ ކުއްލި ނުރައްކަލުގެ ޙާލަތަކަށް ދުރާލާ ތައްޔާރުވެ ތިބުމެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި "ޕެންޑަމިކް ޕްރިޕެއަރޑްނަސް އެންޑް ރެސްޕޮންސް ޕްލޭން 2022" އިފްތިތާޙްކޮށްދެއްވީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަވާ މަންދޫބު ޑރ.ނަޒްނީން އަންވަރްއެވެ.

ޕްލޭން އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވީ ކޯވިޑް-19ގެ ޙާލަތާއެކު، މިފަދަ ޕްލޭނެއް އޮތުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފެނިގެން ހިނގައްޖެކަމަށެވެ.

މިޕްލޭންގެ ސަބަބުން، ކުއްލި ޙާލަތްތަކުގައި އެކި ކަންކަމުގައި ޒިންމާދާރުވާ މުއައްސަސާތައް ކަނޑައެޅި، ކަންކަން ތަރުތީބުވެގެން ހިނގައްޖެކަމަށެވެ. އެގޮތުން އިދާރީގޮތުން ވާންޖެހޭ ތައްޔާރީތަކާއި، އަދި ޢަމަލީ މައިދާނުގައި ކުރަންޖެހޭ މަސައްކަތްތައް ރޭވިގެން އަންނާނެ ގޮތްތައް ތަރުތީބުވެފައިވާކަމަށްވެސް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

އެގޮތުން ހާލަތެއް އަތުވެދާނެކަމަށް ތައްޔާރުވުމާއި، ކުއްލި ހާލަތެއް މެދުވެރިވާހިނދު އެންމެ ފުރަތަމަ އަޅާނެ ފިޔަވަޅުތަކާއި، އަދި މިފަދަ ޙާލަތްތަކުން ކުރާ އަސަރުން އަރައިގަތުމަށް ދިގުރާސްތާގައި ކުރާނެ މަސައްކަތްތައް ރާވާލެވޭނެ ގޮތްތައްވެސް މި ޕްލޭނާއެކު އެނގިގެން ހިނގައްޖެކަމަށެވެ.

"މިފަދަ ހާލަތެއްގައި ލަރޖް ސްކޭލެއްގައި ފިޔަވަޅުތައް އަޅާނެގޮތާއި، ހާލަތުގެ ސަބަބުން އާއްމު ދިރިއުޅުމާއި އިޤްތިސާދީ ގޮތުން އަންނަ ބަދަލުތަކަށް ފިޔަވަޅު އަޅާނެ ގޮތްތައްވެސް އެނގިގެން ދާނެ." މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ.ނަޒްނީން އަންވަރް ވިދާޅުވީ، މިފަދަ ޕްލޭނެއްގައި ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދޭނެ ގޮތްތަކަށްވެސް ރިޢާޔަތްކުރެވޭކަމަށެވެ. އަދި އެ ޙާލަތަކާއި އެއްގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތައްވެސް އެނގިގެންދާނެކަމަށެވެ.

ކޯވިޑް ކޮންޓްރޯލްކުރުމަށް ރާއްޖެއިން މަސައްކަތް ކޮށްފައިވަނީ ވަރަށް ރޭވުންތެރިކަމާއެކު، އެކި މުއައްސަސާތަކުގެ މެދުގައި މަސައްކަތްތައް ބަހާލައިގެންނެވެ. އަދި ސަރުކާރުން ދަނީ ކުއްލި ޙާލަތްތަކުގައި ކުރީ ސަފަށް ނިކުންނާނެ ޓީމްތައް ތަމްރީންކޮށް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.