ދުނިޔެ

ދެެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި މަޝްވަރާކޮށްފި


އިންޑިއާއި ބުރޫނާއީގެ އިސްވެރިން ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ޞުލްޙަވެރި ގޮތެއްގައި ޙައްލުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.އިންޑިޔާގެ ނާއިބު ރައީސް ޙާމިދު އަންސާރީ ބްރޫނާއީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިން އަންގާރަ ދުވަހު ވަނީ ޑިފެންސް، ހެލްތު، އަދި ޔޫތު އެންޑް ސްޕޯޓްގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި ބެހޭގޮތުން 3 އެމްއޯޔޫގައި ސޮއިކުރައްވާފައެވެ. އިންޑިޔާގެ ޚާރިޖީ އޮފީހުގެ އިސްވެރިޔަކު ވިދާޅުވީ، ޑިފެންސް ދާއިރާއިން އެއްބާރުލުމުގެ ތެރެއިން ކަނޑުގެ މަނަވަރުތައް ބްރޫނާއީއަށް ޒިޔާރަތްކުރުމުގެ އިތުރުން އިސް އަސްކަރީ އޮފިޝަލުންނަށް އިންޑިޔާގެ ސްޓާފް ކޮލެޖްތަކުގައި ތަމްރީން ދިނުމަށް އެއްބަސްވެވުނު ކަމަށެވެ. ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ޞުލްހަވެރި ގޮތެއްގައި ޙައްލުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ދެޤައުމުގެ ވެރިން ޚިޔާލު ބަދަލުކުރެއްވިއެވެ. މަޝްވަރާގެ އުޞޫލުން މައްސަލަ ޙައްލުކުރުމަށް ދެޤައުމުންވެސް ބާރު އަޅާކަމުގައި އޭނާ ވިދާޅުވިއެވެ. ދެކުނު ޗައިނާ ކަނޑުގެ ބޮޑުބައި މިލްކު ކުރަނީ، އެޤައުމުންކަމަށް ޗައިނާއިން ދައުވާ ކުރަމުންދާއިރު، ވިއެޓްނާމް، މެލޭޝިޔާ، ބްރޫނާއީ، ފިލިޕީންސް އަދި ޓައިވާނުންވެސް ދަނީ ދެކުނު ޗައިނާ ކަނޑުގެ ބައެއްގެ މިލްކުވެރިކަމަށް ދަޢުވާ ކުރަމުންނެވެ.