ޚަބަރު

ބިދޭސީއަކު ފިލުމުން 48 ގަޑިއިރުތެރޭގައި އަންގަވަންޖެހޭ


ވާރކް ވިޒާގައި މަސައްކަތްކުރާ ބިދޭސީއަކު ފިލައިފިނަމަ 48 ގަޑިއިރުގެ ތެރޭގައި އެކަން އިމިގްރޭޝަނަށް އަންގަވަންޖެހޭ ގޮތަށް ބިދޭސީންގެ ވިޒާއާބެހޭ ޤަވާޢިދު އިޞްލާޙުކުރައްވައި ގެޒެޓްކުރައްވައިފިއެވެ.ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީންގެ ވާކް ވިޒާއާބެހޭ ޤަވާއިދަށް ގެންނަވާފައިވާ ދެވަނަ އިސްލާޙުގައިވާ ގޮތުން، ވާރކް ވިޒާގައި ހުރި މީހަކު ފިލައިފިނަމަ ނުވަތަ ވީތަނެއް ނޭގި ގެއްލިއްޖެނަމަ، 48 ގަޑިއިރުގެ ތެރޭގައި އެކަން އިމިގްރޭޝަނަށް ހުށަހަޅަންވާނެއެވެ. އަދި މިގޮތަށް ހުށަހަޅާއިރު ބިދޭސީ މީހާގެ ޕާސްޕޯޓު، ވަޒީފާ ދިން ފަރާތުގެ ޙަވާލުގައި އޮތްނަމަ، ޕާސްޕޯޓް އިމިގްރޭޝަނަށް ހުށަހަޅަންވާނެ ކަމަށްވެސް ޤަވާއިދުގައިވެއެވެ. ޤަވާޢިދު ކުރިން އޮތްގޮތުން ބިދޭސީއަކު ފިލައިފިނަމަ ކަމާބެހޭ އިދާރާއަކަށް އެކަން އަންގަންޖެހެނީ 7 ދުވަހުގެ ތެރޭގައެވެ. ޤަވާޢިދަށް ގެންނެވި ބަދަލާ ގުޅިގެން މި މުހުލަތު ކުރުވެގެން މިދިޔައީ 48 ގަޑިއިރަށެވެ. ޤަވާއިދު ކުރިން އޮތްގޮތުން ބިދޭސީއަކު ފިލުމުންވެސް، އޭނާއަށް ވަޒީފާދިން ފަރާތުން ބިދޭސީ މީހާގެ ވާރކް ވިޒާގެ ފީ ދައްކަންޖެހެއެވެ. ނަމަވެސް ޤަވާޢިދަށް ގެންނަވާފައިވާ ބަދަލުގެ ދަށުން، ބިދޭސީއަކު ގެއްލިގެން ނުވަތަ ފިލައިގެން އެމައްސަލަ އިމިގްރޭޝަނަށް ހުށަހަޅާ ހިސާބުން ފެށިގެން ވާރކް ވިޒާފީ ދައްކާކަށް ނުޖެހޭނެއެވެ. ޤަވާޢިދުގައިވާ ގޮތުން ފިލައިގެން އުޅޭ މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަވާ ހިސާބުން ފެށިގެން، އެމީހެއްގެ ޤައުމަށް ފޮނުވާލުމާ ހަމައަށް ހިނގާ ހުރިހާ ހަރަދަކަށް ޒިންމާވާންޖެހޭނީ ބިދޭސީ މީހާއަށް ވަޒީފާ ދިން ފަރާތުންނެވެ. އެފަރާތަކުން ހަރަދު ނުކޮށްފިނަމަ، ބިދޭސީމީހާގެ ނަމުގައި ބަހައްޓާފައިވާ ޑިޕޮސިޓް ފައިސާއިން އެކަމަށް ޚަރަދުކުރެވޭނެއެވެ. އަދި ޑިޕޮސިޓް ފައިސާއަށްވުރެ ހަރަދު ބޮޑުވާނަމަ، ބިދޭސީ މީހާއަށް ވަޒީފާދިން ފަރާތުން އެކަމަށް ޒިންމާވާންޖެހޭނެއެވެ. ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީންގެ ވާކް ވިޒާއާ ބެހޭ ޤަވާއިދަށް ގެންނަވާފައިވާ އިސްލާހަށް މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދަނީ އަމަލުކުރައްވަމުންނެވެ.