ޚަބަރު

މިއީ އަގުހެޔޮކޮށް ފައިސާ ނަގައިގެން އިޤްތިޞާދު ފުޅާކުރަންވީ ވަގުތު: އަމީރު


މި ދަނޑިވަޅަކީ އަގުހެޔޮކޮށް ލިބެންހުރި ފައިސާ ހޯދައިގެން އިޤްތިޞާދު ފުޅާކުރުމަށް މަސައްކަތްކުރަންޖެހޭ ވަގުތުކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ފެސިލިޓީއަށް 100 މިލިއަން ޑޮލަރު އިތުރުކޮށްދިނުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ނަގާ ލޯންތަކަކީ ވަރަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ނަގާ ދަރަނިކަމަށެވެ. އެގޮތުން އެ ދަރަނިތަކަކީ 1.75 އިންސައްތަ އިންޓްރެސްޓަކާއި، 5 އަހަރުގެ ގްރޭސް ޕީރިއަޑް ނުވަތަ ފަސް އަހަރު ފަހުން ދަރަނި ދައްކަން ފަށާގޮތަށް ނަގާފައިވާ ލޯންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި ދަނޑިވަޅަކީ އަގުހެޔޮކޮށް ލިބެން ހުންނަ ފައިސާ ހޯދައިގެން އިޤްތިޞާދު ފުޅާކުރުމުގެ މަސައްކަތް ކުރަންޖެހޭ ވަގުތުކަމަށެވެ.

"މިސާލަކަށް އަޅުގަނޑުމެން ދަރަނި ނަގައިގެން ކުރަން މިއުޅެނީ ކޮންކަމެއްތޯ؟ އެންމެ ބޮޑަށް މިކުރަނީ ބްރިޖު ކަނެކްޓިވިޓީއާއި މާލެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުން. ކޮންމެގޮތެއްވިޔަސް މާލެ ޕޯޓަކށް ކޭޓާއެއް ނުކުރެވޭނެ އިޤްތިޞާދު ފުޅަވެގެން އަންނައިރު. އެހެންވީމަ ޕޯޓް އިތުރަށް ފުޅާނުކޮށް ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމުގެ ފުރުޞަތު ވަރަށް ބޮޑަށް ހަނިވާނެ. އޭގެ އިތުރުން ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާ މަގުހެދުން. މިހުރިހާ ކަމަކީ ވަރަށް ކޮންސެޝަނަލް ގޮތެއްގައި ނަގާ ލޯންތަކެއް." އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ، ސަރުކާރުން ނަގަމުން އަންނަ ދަރަނިތައް އަދާކުރުމަށް އެއްވެސް އުނދަގުލެއް ނެތްކަމަށެވެ.

"ވޯލްޑް ބޭންކުގެ ސަސްޓެއިނަބަލް ފައިނޭންސް ޕޮލިސީ ގައިވެސް ގްރޭންސް އެލަމަންޓް ހުންނަނީ ގާތްގަނޑަކަށް 36%ގައި. އެއީ ވަރަށް ކޮންސެޝަނަލް ސަސްޓެއިނަބަލް ފައިނޭންސިންއެއް. މިހާރު އަޅުގަނޑުމެންނަށް މި ފާހަގަވަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ނަގާ ފައިނޭންސް ހުރީ 29 އިންސައްތައާއި 30 އިންސައްތައިގައި. އެހެންވީމަ ވަރަށް ބޮޑަށް ކޮންސެޝަނަލްކޮށް މިހުރީ. އެ ފައިސާ ނަގައިގެން ޤައުމަށް ތަރައްޤީ ގެނައުމުގެ މަސައްކަތް ކުރަނީ މި" އަމީރު ވިދާޅުވިއެވެ.

އިންޑިއާއިން ވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދީފައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ 2018 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އިންޑިއާއިން ދިން ކްރެޑިޓް ފެސިލިޓީއެކެވެ. މީގެ އިތުރުން މިމަހުގެ 1 އިން 4 އަށް ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަނީ ލައިން އޮފް ކްރެޑިޓް ފެސިލިޓީއަށް އިތުރު 100 މިލިއަން ޑޮލަރު އިތުރުކޮށްދީފައެވެ.

ސަރުކާރުން ވަނީ އެ ފައިސާ ބޭނުންކުރާނީ މިހާރު ހިނގަމުން އަންނަ މަޝްރޫޢުތައް އަވަސްކުރުމަށްކަމަށް ވިދާޅުވެފައެވެ. އެގޮތުން 100 މިލިއަން ޑޮލަރު ބޮޑަށް ބޭނުންކުރާނީ ގަމުގައި ތަރައްޤީކުރާ ކެންސަރު ހޮސްޕިޓަލާއި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤިކުރުމުގެ މަޝްރޫގެ މަސައްކަތް އަވަހަށް ނިންމުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވެއެވެ. އަދި ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ ޙާލަތުން އަރައިގަނެ، ކުރީގެ ޙާލަތަށް މިއަހަރުގެ ފަހުކޮޅު ރުޖޫޢަ ވެވޭނެކަމަށްވެސް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވެސް ވިދާޅުވެފައިވެއެވެ.