ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް)ގެ ފެރީގެ ޚިދުމަތް މިމަހުގެ ތެރޭގައި ށ.އަތޮޅުގައި ފަށާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ. މިއަތޮޅަށް ޚިދުމަތް ފެށުން ލަސްވެފައިވަނީ ފެރީތަކުގެ ބައެއް މަސައްކަތްތައް ކުރިއަށްދާތީކަމަށް އެ ކުންފުނިން މަޢުލޫމާތުދެއްވައެވެ.
އާރްޓީއެލްގެ ޚިދުމަތް ޒޯން1ގައި ފެށީ ޖޫންމަހުގެ 12ވަނަ ދުވަހުއެވެ. ޚިދުމަތް ފެށީ ހދ.އަތޮޅުންނެވެ. ހއ.އަތޮޅުގައި ޚިދުމަތް ފެށީ ޖުލައި މަހުގެ 3ވަނަ ދުވަހުއެވެ. ޒޯން1ގައި ހިމެނެނީ ހއ، ހދ، ށ، މި 3 އަތޮޅެވެ.
ށ.އަތޮޅުގެ ޚިދުމަތް މިދިޔަ މަހުގެ ފަހު ހަފްތާގައި ފަށަން މަސައްކަތްކުރިއެވެ. ނަމަވެސް، އަދި އެ ޚިދުމަތް ފެށިފައެއް ނުވެއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތްތައް ކުރިއަށްގެންދަނީ އެމްޓީސީސީންނެވެ. އެމްޓީސީސީން ވިދާޅުވީ، ކަނޑައެޅި ތާރީޚުގައި ޒޯން1ގައި ހިމެނޭ ށ.އަތޮޅުގައި ޚިދުމަތް ނުފެށި ލަސްވީ އެ އަތޮޅަށް ފޮނުވާ ފެރީތަކުގެ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާތީކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް މަސައްކަތްތައް މުޅިން ނިންމައި ފެރީތައް ފޮނުވާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.
އެ ކުންފުނިން މިހާރު މަސައްކަތް ކުރަނީ މި މަސް ނިމުމުގެ ކުރިން ށ.އަތޮޅުގައި ފެރީގެ ޚިދުމަތް ފަށައި ޒޯން 1ގެ ޚިދުމަތް ފުރިހަމަކުރުމަށެވެ. ށ.އަތޮޅުގައި ޚިދުމަތް ފެށުމަށް 4 ފެރީ ފޮނުވާނެއެވެ. ޒޯން1ގައި ހިމެނޭ 3 އަތޮޅުގައި މީހުން ދިރިއުޅޭ 30 ރަށް އޮވެއެވެ.
އާރްޓީއެލްގެ ޚިދުމަތުގައި ބޭނުންކުރަމުން އަންނަނީ ހައި ސްޕީޑް ފެރީތަކެވެ. މުޅި މިޒޯންގެ ޚިދުމަތަށް 17 ފެރީ ބޭނުންކުރާނެއެވެ.
މި ފެރީތައް ފަރުމާކޮށްފައިވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތަށް ޚާއްސަކޮށްގެން ޒަމާނީ ފެންވަރަށެވެ. އެގޮތުން ޖާގަ ތަނަވަސް މި ފެރީތަކުގައި ބަލި މީހުން އުފުލޭނެ އިންތިޒާމުތަކާއި ފުރުޅުލީ ގޮނޑީގައި ފަސޭހަކަމާއެކު މީހުންނަށް އަރައިފޭބޭނެ ގޮތް ހަމަޖެހިފައިވެއެވެ.
މި ޚިދުމަތް ސަރުކާރުން ދޭން ކަނޑައަޅާފައިވަނީ ވީހާވެސް ކުޑަ އަގެއްހައެވެ. އެގޮތުން ކައިރި ރަށްރަށަށް 35 ރުފިޔާއަށް ދަތުރުކުރެވެއެވެ. ދުރު ރަށްރަށުގެ އަގުތައް އުޅެނީ 100ރުފިޔާއާއި 200ރުފިޔާ އާ ދެމެދުގައެވެ.
އާރްޓީއެލްގެ ޚިދުމަތްތައް ފަސޭހަކުރުމުގެ ގޮތުން، އޮންލައިންކޮށް ޓިކެޓް ނެގޭނެ އެޕްލިކޭޝަނެއް ތަޢާރަފްކޮށް މިހާރުވަނީ ބޭނުންކުރަން ފަށާފައެވެ. މިއާއެކު ދުރާލައި ޓިކެޓް ބުކް ކުރެވޭނެއެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކުގައި ހިމަނައިގެން ހައި ސްޕީޑް ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅާލާނެއެވެ. އޭގެތޭރޭގައި އަތޮޅު ފެރީތަކާއި ޒޯން ފެރީތައްވެސް ހިމެނެއެވެ.