ދުނިޔެ

އިރާނާއި އެހެން ޤައުމުތަކާއި އޮންނަ ގުޅުން ރަނގަޅުވާން ޖެހޭ


އީރާނުން އެޤައުމުގެ އަވަށްޓެރި ޤައުމު ތަކާއެކު އޮންނަ ގުޅުންތައް ރަގަޅުނޫން ޙާލަތެއްގައި އޮންނަން ބޭނުން ނުވާކަމަށާއި، ސަޢޫދީ އަރަބިއްޔާއިން އީރާނާއިމެދު މިހާރު މި ގެންގުޅޭ ސިޔާސަތާއިމެދު އަލުން ވިސްނަވަން ޖެހޭކަމުގައި އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވެއްޖެއެވެ.އީރާނަށް ވަޑައިގެން އުޅުއްވާ ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރގެ އަރިހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަފުޅުދައްކަވަމުން، މައްސަލަ ގޯހުގެ ޙާލަތުގައި އަބަދު އޮންނަން އީރާނުން ބޭނުންނުވާ ކަމުގައި ޒަރީފް ވިދާޅުވިއެވެ.ޓެރަރިޒަމްގެ ކުށުގައި ހައްޔަރުކޮށްފައި ހުރި ޝިއީންގެ ބޭފުޅަކަށް ސަޢޫދީ އަރަބިއްޔާއިން ޖެނުއަރީ 2 ވަނަ ދުވަހު މަރުގެ އަދަބު ދިނުމާއި ގުޅިގެން އީރާނުގެ އިސްވެރިންގެ އިތުރުން އީރާނުގެ އާއްމު ރައްޔިތުންނާއި ސަޢޫދީ އަރަބިއްޔާއާއި ދެމެދު ވަނީ ނުތަނަސްކަން އުފެދިފައެވެ. ސަޢޫދީގެ މި ޢަމަލާއި ގުޅިގެން އީރާނުގައި ހުންނަ ސަޢޫދީ އެމްބަސީއަށް ބަޔަކުވަނީ ގެއްލުންދީ ރޯކޮށް ހަދާފައެވެ. މިއާއިއެކު ސަޢޫދީ އަރަބިއްޔާއިން ވަނީ އީރާނާއިއެކު އޮންނަ ޑިޕްލޮމެޓިކް ގުޅުންތައް ކަޑާލާފައެވެ.