ދުނިޔެ

ސޫރިޔާގެ މައްސަލަ ޙައްލުކުރެވިދާނެ - އަވަށްޓެރި ޤައުމުތައް


ސޫރިޔާގެ މައްސަލަ އަސްކަރީ ގޮތުން ޙައްލުކުރެވިދާނެކަމަށް އަވަށްޓެރި ބައެއް ޤައުމުތަކުން އަދިވެސް ދެކޭކަމަށް އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް ވިދާޅުވެއްޖެއެވެ. އީރާނަށް ވަޑައިގެން އުޅުއްވާ ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ފްރޭންކް ވޯލްޓަރ ސްޓެއިންމަޔަރ އާއި ބައްދަލުކުރެއްވުމަށްފަހު، ދެބޭފުޅުންގެ އެކުގައި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައިވެއެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އަވަށްޓެރި ބައެއް ޤައުމުތައް ސޫރިޔާގެ މައްސަލައާއިމެދު ގެންގުޅޭ ހަރުކަށި ވިސްނުމުގެ ސަބަބުން އެޤައުމުގެ މައްސަލަ ޞުލްޙަވެރި ގޮތުގައި ޙައްލުކުރުމަށް ދަތިވެފައިވާކަމަށް ޒަރީފް ވިދާޅުވިއެވެ.އީރާނަށް ވަޑައިގެން އުޅުއްވާ ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ފްރޭންކް ވޯލްޓަރ ސްޓައިންމާޔަރ އެކު ބޭއްވެވި ރަސްމީ މަޝްވަރާތަކުގެ ބޮޑުބައި ޚާއްސަކުރައްވާފައިވަނީ ސޫރިޔާގެ މައްސަލައަށެވެ. އަދި މި މަޝްވަރާތަކަށްފަހު ދެބޭފުޅުން އެކުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ދެބޭފުޅުންގެ ވާހަކަތައް މައިގަނޑު ގޮތެއްގައި އަމާޒުކުރައްވާފައިވަނީ ސޫރިޔާގެ މައްސަލައަށެވެ. މިގޮތުން ޖެނީވާގައި މިހާރު ކުރިޔަށްދާ ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކަށް ތާއީދުކުރައްވާކަން ދެބޭފުޅުން ހާމަކުރައްވާފައިވެއެވެ. އަދި ސޫރިޔާގެ މައްސަލަ އަސްކަރީގޮތުން ޙައްލު ނުކުރެވޭނެކަންވެސް ދެބޭފުޅުން ހާމަކުރެއްވިއެވެ. މިނޫސްވެރިންގެ ބައްދަލުވުމުގައި އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވީ ސޫރިޔާގެ ދާޚިލީ ހަނގުރާމަ ހުއްޓުވަން އެބަޖެހޭކަމަށާއި އެ ހަނގުރާމައިގެ ސަބަބުން ސޫރިޔާގެ ރައްޔިތުން ހާލުގައިޖެހި ބިކަވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ސޫރިޔާގެ ހަނގުރާމައިގެ ސަބަބުން އެޤައުމުގެ އިތުރުން މުޅި ސަރަޙައްދު ޓެރަރިޒަމްގެ ޝިކާރައަކަށްވެ މަޒްހަބީ ތަޅާފޮޅުންތަކެއްގެ ތެރެއަށް ވެއްޓިގެންދާކަމަށާއި މިއީ އެއްވެސް ޤައުމަކަށް ފައިދާހުރި ގޮތެއް ނޫންކަމަށް ޒަރީފް ވިދާޅުވިއެވެ. މިމަހުގެ 1 ވަނަ ދުވަހު ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް ޖެނީވާގައި ފަށާފައިވާއިރު މިވާހަކަތަކުގައި ބައިވެރިވާ ސޫރިޔާގެ އިދިކޮޅު ޖަމާޢަތްތަކުގެ ވަފްދުން ގެންދަނީ ސުލްޙައިގެ އެޖެންޑާއާއިގެން ކުރިޔަށް ދިއުމުގެ ބަދަލުގައި އެހެން ކަންތައްތަކެއް ކޮށްދިނުމަށް ޝަރުތު ކުރަމުންނެވެ. މިގޮތުން ސުލްޙައިގެ އެޖެންޑާއާއި އެއްގޮތަށް ކުރިޔަށްދެވޭނީ ސޫރިޔާ ސިފައިންގެ ޙިސާރުގެ ދަށުގައިވާ ތަންތަނުގެ ޙިސާރު އުވާލުމާއެކު އެސަރަޙައްދުތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖައްސައިގެން ކަމަށްވެސް ސޫރިޔާގެ އިދިކޮޅު ވަފްދުގެ ބޭފުޅުން ވިދާޅުވެއެވެ. އަދި ސޫރިޔާ ސިފައިންނާއި ރަޝިޔާގެ ފައިޓަރޖެޓްތަކުން ވައިގެ މަގުން ދޭ ޙަމަލާތައް އާންމުންނަށް އަމާޒުކުރާކަމަށް ތުހުމަތުކޮށް މިޙަމަލާތައް ހުއްޓާލުމަށްވެސް ސޫރިޔާގެ އިދިކޮޅު ވަފްދުން ޝަރުތު ކުރަމުން ގެންދެއެވެ. މިޝަރުތުތަކާއި ގުޅިގެން ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކަށް ކުރިއެރުން ނުލިބޭކަމަށް ޚަބަރުތައް ބުނެއެވެ. ޖެނީވާގައި ފެށުނު ސޫރިޔާގެ ވާހަކަތަކުގެ އަމާޒަކީ ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމާއި ސޫރިޔާގައި އައު ޤާނޫނޫ އަސާސީއަކާއި އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް މަގުފަހިކުރުމެވެ. ސުލްޙައިގެ ވާހަކަތައް ފެށުނުއިރު ސޫރިޔާ ސިފައިން ގެންދަނީ އިދިކޮޅު ހަނގުރާމަވެރިންނާއި ދެކޮޅަށް މިފަހަކަށް އައިސް ހިންގާފައި ނުވާވަރުގެ ބޮޑު އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ.