ޚަބަރު

ބްރޯޑްކާސްޓް އެވޯޑްސްގެ ޕާޓްނަރުންނާއި ސްޕޮންސަރުންނާއެކު ސޮއިކޮށްފި

"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022"ގެ ޕާޓްނަރުންނާއި ސްޕޮންސަރުންނާއެކު ސޮއިކޮށްފިއެވެ.

މި އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތެރޭގައެވެ.

ޕާޓްނަރުންނާއި ސްޕޮންސަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުންތަކުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާއެވެ. ކުންފުނިތަކުން ސޮއިކުރެއްވީ އެކުންފުނިތަކުގެ އިސްވެރިންނެވެ.

މި އެވޯޑްގެ އެސޯސިއޭޓް ޕާޓްނަރަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއެވެ. އޮފިޝަލް ސްޕޮންސަރ އަކީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯއެވެ. އަދި އޮޑިޓް ޕާޓްނަރަކަށް ކްރޯ މޯލްޑިވްސް ހަމަޖެއްސިއިރު ހޯސްޓިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއެވެ. މީގެ އިތުރުން މި އެވޯޑްގެ ޑިޖިޓަލް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އުރީދޫއެވެ. މިއެވޯޑްގެ އޮފިޝަލް ސްޕޮންސަރއަކީ އެފްއެސްއެމްއެވެ.

ވަކި ވަކި އެވޯޑްތައް ސްޕޮންސަރ ކޮށްފައިވާ ފަރާތްތައް

* ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސްޓީއޯ
* މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
* މޯލްޑިވިއަން
* އަލްޝާލީ މެރިން
* މެޑްޓެކް
* ފެނަކަ ކޯޕަރޭޝަން

"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022" ގެ ޕާޓްނަރުންނާއި ސްޕޮންސަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަޙީދާ ވިދާޅުވީ އެކޮމިޝަން އުފެދިގެން އައި ހިސާބުން ފެށިގެންވެސް މީޑިއާގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބްރޯޑް ކާސްޓިން އެވޯޑެއް ތަޢާރަފްކޮށް ދިނުމަކީ އުއްމީދު ކުރެއްވިކަމެއްކަމަށެވެ. އަދި މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެ އެވޯޑް ދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ.

މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސްއަށް ނަން ހުށައެޅުމަށް ހުޅުވާލި މުއްދަތުގައި 160 އެއްހާ އެޕްލިކޭޝަން ލިބިފައިވާއިރު އެ އެޕްލިކޭޝަން އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

މިއެވޯޑަކީ ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓާ އަދި ޤައުމު ބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިންގ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ ދައުރުގެ އަގުވަޒަންކޮށް، މި ސިނާޢަތުގެ ތަރައްޤީއަށް މަގުފަހިކޮށް ހިތްވަރުދިނުމުގެ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދިނުމަށް ނިންމާފައިވާ އެވޯޑެކެވެ.

މި އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު 3 ކެޓަގަރީއަކުންނެވެ. އެއީ ޕްރޮޑަކްޝަން އެވޯޑްތަކާއި، ނޫސްވެރިކަމުގެ އެވޯޑްތަކާއި، އިންޑަސްޓްރީ އެވޯޑްތަކެވެ. ޕްރޮޑަކްޝަން އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ޑޮކިއުމެންޓްރީ ޕްރޮގްރާމް، އެންމެ މޮޅު ކަރަންޓް އެފެއާޒް ޕްރޮގްރާމް، އެންމެ މޮޅު މުނިފޫހިފިލުވުމުގެ ޕްރޮގްރާމް، އެންމެ މޮޅު ކުޑަކުދިންގެ ޕްރޮގްރާމް، އެންމެ މޮޅު ޑޭޓައިމް ޕްރޮގްރާމް، އެންމެ މޮޅު ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް، އެންމެ މޮޅު ކުޅިވަރު ޕްރޮގްރާމް، އެންމެ މޮޅު ތިމާވެށި ޕްރޮގްރާމް، އެންމެ މޮޅު އުފެއްދުންތެރި ޕްރޮގްރާމް، އަހަރުގެ އިޖްތިމާޢީ ޕްރޮގްރާމް، އަދި އަހަރުގެ އެންމެ މޮޅު ކެމްޕެއިން ހޮވާނެއެވެ.

ނޫސްވެރިކަމުގެ އެވޯޑްތަކުގެ ތެރޭގައި، އެންމެ މޮޅު ނިއުސް އެންކަރ، އަހަރުގެ ނޫސްވެރިޔާ، އެންމެ މޮޅު ޕްރޮގްރާމް ޕްރެޒެންޓަރ، އެންމެ މޮޅު ކެމެރާ ޕަރސަން، އަދި އެންމެ އުއްމީދީ ނޫސްވެރިޔާ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އިންޑަސްޓްރީ އެވޯޑްތަކުގެ ގޮތުގައި ބެސްޓް ބްރޯޑްކާސްޓިންގ ޗެނަލް (ޓީވީ، ރޭޑިއޯ)، ބެސްޓް އިންކްލޫސިވް ބްރޯޑްކާސްޓަރ، އަދި އެންމެ އުފެއްދުންތެރި ޗެނަލް ހޮވާ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.