ޚަބަރު

ބަސް ދަތުރު ފަށަން މަޖީދީ މަގުގެ ޕާކިންގ ޒޯންތައް ހުސްކުރަނީ


މިނީ ބަހުގެ ޚިދުމަތަށް މާލޭގެ މަޖީދީ މަގުގެ ޕާކިން ޒޯންތައް ނަގައި މަގު ހުސްކުރަން ފަށައިފިއެވެ. މިނީ ބަހުގެ ޚިދުމަތުގައި ބޭނުންކުރާނެ މައި މަގަކީ މަޖީދީމަގެވެ.

އެމް.ޓީ.ސީ.ސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރް.ޓީ.އެލްގެ ދަށުން މިނީ ބަހުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ނިންމާފައިވަނީ މާލޭގެ މަގުތަކުގެ ތޮއްޖެހު ކުޑަކޮށް، އެކަށީގެންވާ ފަސޭހަ އެއްގަމު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށެވެ. މި ޚިދުމަތް ފެށުމަށް ކުރިން ނިންމީ ނިމުނު ޖުލައި މަހުުގެ ތެރޭގައެވެ. ނަމަވެސް ޚިދުމަތް ނުފެށި ލަސްވީ، ބަސް ދުއްވާ މަގުތައް ހުސްކޮށް، ޕާކިންގއަށް ގެންނަންޖެހޭ ބަދަލުތަކުގެ ސަބަބުންނެވެ.

ޚިދުމަތަށް ތައްޔާރުވުމަށް މައިގަނޑު މުހިންމު މަސައްކަތްތައް ކުރިއަށްގެން ދަނީ މާލެ ސިޓީ ކައުންސިލުންނެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝް ވިދާޅުވީ، ބަހުގެ ޚިދުމަތަށް މަގުތައް ހުސްކޮށް، މަގުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފައިވާކަމަށެވެ. މި މަސައްކަތް ނުފެށި ލަސްތަކެއްވީ، މަޖީދީ މަގުން ޕާކިންގ ޒޯންތައް ނެގުމަށްފަހުގައި، ޕާކު ކުރެވޭނެ އިތުރު ޖާގަތައް ސަރުކާރުން ނުދައްކާތީކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަމަވެސް މިހާރު ބައެއް ސަރަޙައްދުތަކުގައި ޕާކިންގ ޒޯން ހެދުމަށް، ސިޓީ ކައުންސިލަށް ބިން ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ޕާކިންގ އިތުރުކުރުމަށް ބިން ދީފައިވަނީ، ހ. ސަމޯސާވިލާ ގެއިންނާއި، ހައިކޯޓު ކުރިމަތިން އޮންނަ ބިމާއި، އަމީނީމަގުން ދަރުބާރުގެ ކައިރިންނާއި، މާފަންނުން ކޮރަލް ބޮލެވަރޑް ސަރަޙައްދުން ބިންކޮޅަކާއި، އަދި މަޖީދީމަގުން ހީނާމާގެއާއި ބިއްލޫރިޖެހިގެއިންވެސް ބިންކޮޅެއްވަނީ ދީފައެވެ.

ނަރީޝް ވިދާޅުވީ ޕާކިންގ ހަމަޖެއްސުމަށް އިތުރު ބިންތައްވެސް ދޭނެކަމަށް ސަރުކާރުން ވިދާޅުވެފައިވާކަމަށެވެ.

މިހާރު ކުރިއަށްދާ އެންމެ މުހިންމު މަސައްކަތަކީ މަޖީދީ މަގުން ވެހިކަލްތައް ނަގާ، މަގު ހުސްކުރުމުގެ މަސައްކަތެކެވެ. އެގޮތުން މަޖީދީ މަގުގެ ބޮޑު ސަރަޙައްދެއް މީހާރުވަނީ ހުސްކޮށްފައެވެ. އަދި މަގުގައި ބަސް ހުއްޓާ ސަރަޙައްދުތައް ފާހަގަކޮށް، ބޯޑުތައް ޖެހުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ކުރިއަށްގެންދަމުންނެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތަށް ބަސް ދުއްވުމަށް ހަމަޖެހިފައިވަނި މަޖީދީމަގާއި އަމީނީމަގު އަދި އޯކިޑް މަގާއި ފަރީދީ މަގުންނެވެ. މި ޚިދުމަތަށް 12 މިނީ ބަސް ވަނީ ގެނެސްފައެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކްގައި ހިމެނޭ މި ޚިދުމަތުގައި ބޭނުންކުރާ ބަސްތައް ފަރުމާކޮށްފައިވަނީ މާލޭގެ ހަނި މަގުތަކުގައި ދުއްވޭގޮތަށް ބަލައިގެންނެވެ. ސްކޫލް ކުދިންނާ އުމުރުން ދުވަސްވީ މީހުންނަށް ހިލޭ ދަތުރުކުރެވޭނެއެވެ. އަދި ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށްވެސް ފަސޭހަކަމާއެކު ބަހަށް އަރާ ފޭބޭނެއެވެ.

މި ޚިދުމަތް ދޭނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމް.ޓީ.ސީ.ސީއިންނެވެ. އެމް.ޓީ.ސީ.ސީއިން ވިދާޅުވީ، އެ ކުންފުނިން އޮތީ ޚިދުމަތް ތައްޔާރަށްކަމަށެވެ. މަގުތަކުގެ އިންތިޒާމްތައް ހަމަޖެހިނިހާ އަވަހަށް ބަހުގެ ޚިދުމަތް ފަށާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.