ޚަބަރު

ބޯހިމެނުމަކީ ޤައުމީ ތަރައްޤީގައި އެމީހެއްގެ ބައިވެރިވުން ހިމެނުން: އަސްލަމް


ބޯހިމެނުމަކީ ޤައުމީ ތަރައްޤީގައި އެމީހެއްގެ ބައިވެރިވުން ހިމެނުންކަމަށާއި ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކޮންމެ މީހަކުވެސް ބޯހިމެނުމުގައި ބައިވެރިވުމަކީ މުހިއްމުކަމެއްކަމުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އާބާދީއާއި ތަރައްޤީއާއި ގުޅޭ އަސާސީ މަޢުލޫމާތު ހޯދުމަށް ހިންގާ އެންމެ ބޮޑު ސަރވޭއަކީ ބޯހިމެނުމުގެ މަސައްކަތެވެ.

ކޮންމެ 10 އަހަރަކު އެއްފަހަރު ރާއްޖޭގެ ދިރިއުޅުމުގެ ޙާލަތާއި މުޖުތަމަޢުގެ ޙާލަތު ދެނެގަތުމަށް ކުރިއަށްގެންދާ މިސަރވޭ މިއަހަރު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރުމަހުގެ 17 އިން 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިފަހަރުގެ ސަރވޭގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިހާރު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުރަމުން އަންނައިރު މިކަމާއި ގުޅޭގޮތުން ދެއްވި ވީޑިއޯ މެސެޖެއްގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ ބޯހިމެނުމުގައި ހުރިހާ ރައްޔިތުންގެ ޝާމިލުވުން ވަރަށް މުހިއްމުކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ބޯހިމެނުމުގައި އެއްކުރެވޭ މަޢުލޫމާތަކީ ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މުހިއްމު ނިންމުންތައް ނިންމުމުގައި ބޭނުންކުރާނެ މަޢުލޫމާތުތަކެއްކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށްރަށާއި އަތޮޅުތަކާއި ރާއްޖޭގެ މާޙައުލާއި ގުޅޭގޮތުން ހެދޭ ޕްލޭންތައް ހެދުމުގައި ބަރޯސާ ވަނީ މިމަޢުލޫމާތުގެ މައްޗަށްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިއަހަރު ކުރިއަށްގެންދާ ބޯހިމެނުމުގެ ޙަރަކާތަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް މިނިސްޓަރ އަސްލަމް އެދިވަޑައިގެންނެވިއެވެ.

ބޯހިމެނުމުގެ ރަސްމީ ސަރވޭ ސެޕްޓެމްބަރުމަހުގެ 17ގައި ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. ސަރވޭ ފެށުމުގެ ކުރިން ސަރވޭގައި ބައިވެރިވާ ފަރާތްތަކަށް ހިންގާ ތަމްރީންތައް މިހާރު މާލެއާއި އަތޮޅުތެރޭގައެވެ.

މިއަހަރުގެ ބޯހިމެނުމުގައި ޢާއްމު ފަރުދުންގެ ދިރިއުޅޭ ތަނާއި ބެހޭ މައުލޫމާތުތަކާއި، ދިރިއުޅޭ ތަނުގެ ބޮޑުމިނާއި، މީހުންގެ އުފަން ތާރީޚާއި އުމުރާއި ޖިންސު ފަދަ މަޢޫލޫމާތުތައް އެއްކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ތަޢުލީމީ ފެންވަރާއި، އަދާކުރާ ވަޒީފާއާއި، ލިބޭ އާމްދަނީއާއި ޚަރަދުތަކުގެ ތަފްޞީލުގެ އިތުރުން ފުރަތަމަ ކައިވެނި ކުރި އުމުރާއި، ދަރިންގެ އަދަދާއި، ފުރަތަމަ ދަރިފުޅު ލިބުނު އުމުރު ފަދަ މަޢުލޫމާތުތައް އެއްކުރާނެއެވެ. މީގެ އިތުރުން މަސައްކަތް ހިންގާ ތަންތަނުން، ތަނުގެ ރަޖިސްޓްރޭޝަން ނަންބަރުގެ މައުލޫމާތުތަކާއި، ތަނުގައި ހިންގާ މައިގަނޑު މަސައްކަތުގެ ތަފްޞީލާއި، ވަޒީފާގައި ގެންގުޅޭ މުވައްޒަފުންގެ އަދަދުގެ އިތުރަށް، ތަނުގެ އާމްދަނީއާއި ޚަރަދުގެ މަޢުލޫމާތުތައް ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ.