ޚަބަރު

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ - ގޮންޖެހުންތަކާއެކުވެސް ކުރިމަގަށް މުހިއްމު ޕްލޭންތަކެއް


އަތޮޅުތަކުގެ އެއަރޕޯޓްތައް ބެލެހެއްޓުމަށް ސަރުކާރުން ވަކި ކުންފުންޏެއް އުފައްދަވާ މަސައްކަތް ފެށީ 2020ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެގޮތުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދަށުން މިވަގުތު 6 އެއަރޕޯޓެއް ބެލެހެއްޓުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ ހޯރަފުށި އެއަރޕޯޓް، ކުޅުދުއްފުށި އެއަރޕޯޓް، ފުނަދޫ އެއަރޕޯޓް، މާވަރުލު އެއަރޕޯޓް އަދި ފުވައްމުލައް އެއަރޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓެވެ.

ވަކި ކުންފުންޏެއް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ އެއަރޕޯޓްތަކުގެ ހިންގުން ހަރުދަނާކޮށް، އާއްމުންނަށް ވީހާވެސް ފަސޭހަވާނެގޮތަށް އެއަރޕޯޓްގެ އިންތިޒާމްތައް ހަމަޖެއްސުމެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރ ސައުދުﷲ އަޙުމަދު ވިދާޅުވީ ކުންފުނީގެ ޚިދުމަތުގެ ފުރަތަމަ އަހަރުވެސް އެއަރޕޯޓްތަކަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.

ކުންފުންޏާއި ހަވާލުވެ އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ، އެއަރޕޯޓްތަކުގެ ޙާލަތު ދެނެގަނެ ކަންކަން އަލުން ރާވާ އިންތިޒާމް ކުރުންކަމަށް އޭނާ ވިދާޅުވިއެވެ. ސައުދުﷲ ވިދާޅުވީ ބައެއް އެއރަޕޯޓްތަކުގައި ވަޒީފާދީފައި ތިބި މީހުންނަށް އެމީހުންގެ ޒިންމާތަކާއި، ޑިއުޓީތަކަށް ބެހިފައިވާގޮތްވެސް އޭރު ރަނގަޅަށް ނޭނގޭކަމަށެވެ. އަދި ގިނަ އެއަރޕޯޓްތަކުގައި، އެއަރޕޯޓަކުން ލިބެންޖެހޭ ގިނަ ޚިދުމަތްތައް ޤާއިމުވެފައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

"އެއަރޕޯޓް ޚިދުމަތަށް ހުއްދަދޭތޯ ސުވާލު އުފެދޭ ހިސާބުގައި ހުރި. މެޝިންތައް ހަލާކުވެފައި، އެއަރޕޯޓް ފެންސެއް ނެތް، ރަންވޭ ހަލާކުވެފަ، ދުއްވާނެ އުޅަނދެއް ނެތް، ފަޔަރ ޓްރަކް ހަކުލާކުވެފައި ހުރީ. ހަމަ ތޮށިގަނޑެއް އަޅުގަނޑުމެންނާ ހަވާލުކުރީ." ސައުދުﷲ ވިދާޅުވިއެވެ،

ސައުދުﷲ ވިދާޅުވީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ވޭތުވެދިތަ އެއް އަހަރު ކުރިއަށްގެންދިޔައީ، މައްސަލަތައް ދެނެގަނެ ކަންކަން ތަރުތީބުކޮށް، ވަސީލަތްތައް ހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކަމަށެވެ.

އެގޮތުން ކުންފުނިން ހަވާލުވިއިރު ފަޔަރ ޓްރަކްތައް ބޭނުން ނުކުރެވޭ ގިނަ ރަށްތައް ހުރި ނަމަވެސް، މިހާރު ހުރިހާ އެއަރޕޯޓެއްގައިވެސް ފަޔަރ ޓްރަކްއާއި ސަލާމަތީ ވަސީލަތްތައް ހަމަކޮށްފައިވާކަމަށެވެ. އަދި އެއަރޕޯޓްތަކުގެ ލަގެޖް އެކްސްރޭ މެޝިންތައް ހަލާކުވެފައިވާތީ، މިހާރު ހުރިހާ އެއަރޕޯޓަކަށް ބޭނުންވާވަރަށް އެކްސްރޭ މެޝިން ހޯދައި، އެތަކެތި ރަށްރަށަށް ފޮނުމުގެ މަސައްކަތް ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކުންފުނިން މިހާރު އަމާޒު ހިފާފައިވަނީ ސަރުކާރަށް ބަރޯސާ ނުވެ، ކުންފުނި އަމިއްލަ ފައިމައްޗަށް ތެދުވެ ފައިދާވާ ކުންފުންޏަކަށް ހެދުމަށެވެ. އެގޮތުން ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލާފައިވާކަމަށް ސައުދުﷲ ވިދާޅުވިއެވެ.

"އެއަރޕޯޓްތަކުގައި ބިން އެބައޮތް. ޕްލޭންކުރެވިފައިވަނީ މި ދާއިރާއާއި ގުޅޭ ވިޔަފާރިތަކަށް ވަނުން. އެގޮތުން އެއަރޕޯޓްގައި ކޯލްޑް ސްޓޯރޭޖް ހެދުމަށް ވަނީ ނިންމާފައި. މިއީ ވިޔަފާރިތަކުން ވަރަށް ބޭނުންވެފައި ތިބި ޚިދުމަތެއް. މީގެ އިދާރީ މަސައްކަތްތައް ކުރިއަށްދޭ، މިމަހު މުހިންމު މަސައްކަތްތަކެއް ފެށޭނެ." ސައުދުﷲ ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް އެއަރޕޯޓްތަކަކީ ފަޅު ރަށްތައް ތަރައްޤީކޮށްގެން ހަދާފައިވާ އެއަރޕޯޓްތަކެވެ. މިފަދަ ރަށްރަށުގައިވެސް، ދަތުރުކުރާ މީހުން މަޑުކޮށްލައިގެން ތިބެވޭނެ ތަންތަން ތަރައްޤީކުރުމުގެ ޕްލޭން އެބްއޮތްކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

އަދި އެއަރޕޯޓްތަކުގައި މަޑުކޮށްލައިގެން ތިބޭނެ ސަރަޙައްދު ހެދުމާއި، ފިހާރައާއި ކެފޭ އަދި ހަޓްތައް ހެދުން ފަދަ ގިން މަސައްކަތްތަކެއްވެސް މިހާރު އުޅެނީ ބީލަން މަރުހަލާގައެވެ.